News
ހައިދަރުއާބާދު އެފްސީގެ ކޯޗު ބާސާއަށް ބަދަލުވެއްޖެ
30 އޯގަސްޓް 2020
އިންޑިޔާގެ ހައިދަރްއާބާދު އެފްސީގެ ކޯޗު އަލްބަޓް ރޮކާ ކޮންޓްރެކްޓް އުވާލުމަށްފަހު ބާސެލޯނާގެ ކޯޗިން ޓީމާއި ގުޅިއްޖެއެވެ.
ކުރިން ބާސާގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށްފައިވާ ރޮކާ މިފަހަރު ބާސާއާއި ގުޅުނީ ފިޓްނަސް ކޯޗެއްގެ ގޮތުންނެވެ.
ކުރިން ބެންގަލޫރަށް ވެސް ކޯޗުކަން ކޮށްދީފައިވާ ރޮކާ ބާސާއަށް ބަދަލުވީ ބާސާގެ އާ ކޯޗް ރޮނާލްޑް ކޫމަން އޭނާގެ ޓީމަށް ރޮކާ ގެންނަން ބޭނުންވެގެންނެވެ.
މިއަހަރުގެ ޖެނުއަރީގައި ހައިދަރުއާބާދު އެފްސީއާއި ގުޅުނު ރޮކާ އާއި ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާކުރުމަށް ފަހު އޭނާގެ އެއްބަސްވުން އުވާލައިދެން ނިންމާފާއިވާ ކަމަށް އެ ކްލަބުން ބުނެއެވެ. އަދި ރޮކާ އޭނާގެ ކުރީގެ ޓީމަށް އެނބުރި ދިއުމަށް ވަރަށް ބޮޑަށް ބޭނުން ވާތީ އޭނާ ދޫކޮށްލަން ނިންމީ ކަމަށް ހައިދަރުއާބާދު ން ބުނެއެވެ.
ހައިދަރްއާބާދުން ބުނީ ރޮކާ އަކީ ކެޓަލޫނިއާ މީހެއް ކަމަށާއި އެހެންކަމުން އޭނާގެ އުފަން ގައުމާ ކައިރިން ފުރުސަތެއް ލިބުމުން އެކަމުގެ ހުރަހަކަށް ވާން ބޭނުން ނުވާ ކަމަށެވެ. އެކްލަބުގެ މި ނިންމުމަށް ބާސާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމަށް މިއަދު ބާސާއިން ފަރިތަކުރުންތައް ފަށާނެއެވެ.