News
އަމާޒަކީ ފައިނަލަށް ދަތުރުކުރުން : ޤައުމީ އަންހެން ޓީމްގެ ކޯޗް އާތީ
3 މާރިޗު 2019
މިވަގުތު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ތަމްރީންކުރަމުން އަންނަ ދިވެހި ޤައުމީ އަންހެން ޓީމްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނިގޮތުގައި މިފަހަރު ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި އަމާޒަކީ ފައިނަލަށް ދިއުންކަމުގައެވެ.
މިމަހުގެ 12ން 19ށް ނޭޕާލްގެ ބްރިތުނާގަރުގައި އޮތް އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ކުރިން ތަމްރީން ހޯދުމުގެ ކޭމްޕަކަށް ޔޫ.އޭ.އީއަށް ފުރީ މިދިޔަ ހުކުރުދުވަހުގައެވެ. ޔޫ.އޭ.އީގައި 9 ދުވަސް ހޭދަކުރުމަށްފަހު 10ވަނަ ދުވަހު ދިވެހި އަންހެން ޓީމް ނޭޕާލަށް ފުރާނެއެވެ. މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ނިމިދިޔަ ފިރިހެން ސާފް ޗެމްޕިއަންޝިޕުގައިވެސް ލައްވާލިފަދައިން އިންޑިޔާއާއި ލަންކާއާއި އެއް ގްރޫޕެއްގައެވެ. ޤައުމީ ޓީމް މުބާރާތުގެ ފުރަތަމަ މެޗުގައި 13ވަނަ ދުވަހު ވާދަކުރާނީ އިންޑިޔާއާއެވެ. ދެވަނަ މެޗުގައި 15ވަނަ ދުވަހު ބައްދަލު ކުރާނީ ލަންކާއާއެވެ.
ޤައުމީ ކޯޗް އާތީ ބުނި ގޮތުގައި މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެފަދަ ޤާބިލް މޮޅު ޓީމެއް އެބައޮތެވެ. އަދި އަމާޒަކީ ފައިނަލްގައި ވާދަކުރުން ކަމަށްވެސް ކޯޗްބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން ކޯޗް ބުނިގޮތުގައި އަންހެން ފުޓުބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމަށް އެތަށް މަސައްކަތެއް ކުރަން އެބަޖެހެއެވެ. އެގޮތުން އެއް މަސައްކަތް ކަމަށްވާ އަންހެން ފުޓުބޯޅަ އެކެޑަމީ ދާދިފަހުން އެފް.އޭ.އެމްއިން ފަށާފައިވާއިރު، އެއީ އަންހެން ފުޓުބޯޅައިގެ ބިންގާކަމަށް އާތީ ފާހަގަކުރިއެވެ. މޮޅެތި އަންހެން ކުޅުންތެރިން އުފެއްދުމުގެ ގާބިލިއްޔަތުކަން އެބަހުރިކަން ފާހަގަ ކުރަމުން ކޯޗް ބުނުއްވީ ޤައުމީ ޓީމަކާ އެކެޑަމީއެއް އޮތުމަކުން އަދި ނުފުދޭކަމަށެވެ. ފިރިހެން ފުޓުބޯޅައާއި އެއްފަދައިން އެކި އުމުރުފުރާތަކުގެ ޤައުމީ ޓީމް އޮންނަންޖެހޭކަމާއި، އެކުދިންވެސް ގަވާއިދުން ކުޅޭނެ މެޗުތައް އޮންނާނެހެން މުބާރާތްތައް އިންތިޒާމް ކުރުމުގެ މުހިންމުކަން ކޯޗް ފާހަގަކޮށްފައިވެއެވެ. އެފް.އޭ.އެމްއިނ މިހާރުދަނީ އެގޮތުން 19 އަހަރުން ދަށުގެ އަންހެން ޓީމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެފް.އޭ.އެމްއިންވަނީ 2017ވަނަ އަހަރު އަންހެން ލީގެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ ލީގު ކެންސަލް ކުރެވުނެވެ. ނިއު ރޭޑިއަންޓް އެކަނި ބައިވެރިވި އިރު އެހެން ޓީމްތަކުން ބުނިގޮތުގައި ލީގު އިއުލާންކުރީ މާލަހުންކަމުން މުބާރާތަށް ފަރިތަކުރާނެ ވަގުތެއް ނެތުމުން ބައިވެރިނުވީކަމަށެވެ.
މިދިޔަ 2018ވަނަ އަހަރަކީ ދިވެހި އަންހެން ޤައުމީ ޓީމް އެތައް ކާމިޔާބީއެއްހޯދި އަހަރެކެވެ. މީގެ އެއް ހެއްކަކީ އިންޑޮނީޝިޔާއާއި ދިވެހި އަންހެން ޓީމް މިދިޔަ އަހަރު ކުޅުން 3 ފަހަރުގެ ނަތީޖާއެވެ. އެގޮތުން ފުރަތަމަ އޮގަސްޓްގައި އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ޓީމް ވަނީ އިންޑޮނީޝިޔާއާ ކުޅެ 6-0ން ބަލިވެފައެވެ. އެބަލިން ފިލާވަޅުދަސްކޮށްގެން އޮލިމްޕިކްސް ކޮލިފައިންގައި އަންހެން ޓީމްވަނީ ވާދަވެރި ކުޅުމެއްދައްކާ ގޯލެއްވެސް ޖަހާފައެވެ. ނަމަވެސް އެ މެޗްވެސް ނިމިގެން ދިޔައީ 3-1ން ދިވެހި ޓީމް ބަލިވެގެންނެވެ. ކޮންމެއަކަސް ސިންގަޕޫރުގައި އޮތް ކުއަޑްރަންގިއުލާރ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަނެއްކާވެސް ދެ ޤައުމުގެ ގަދަހިފުމަކަށް ދާންޖެހިއްޖެއެވެ. އެފަހަރުވެގެން ދިޔައީ ދިވެހިންގެ ފަހަރަށެވެ. ވާދަވެރި މެޗަކަށްފަހު ޕެނަލްޓީއާ ހަމައަށް ގެންގޮސް އިންޑޮނީޝިޔާ ބަލިކުރިއެވެ.
މިފަދަ ހިތްވަރާއި ނުގުޑާފަދަ އަޒުމާއެކު ނިކުމެއްޖެނަމަ ފިރިހެން ޓީމް ފަދައިން ސާފް ތަށި ދިވެހި އަންހެން ޓީމް ނެގުމަކީ މާދުރުގައި އޮތްކަމެއް ނޫނެވެ. ކޯޗް އާތީވެސް މިކަމާ އެއްބަސް ވެލައްވައެވެ. އަޅުގަނޑުމެން އެންމެންގެ އެދެނީ ސާފު މުބާރާތުގައި ދިވެހި ޓީމަށް ކާމިޔާބީއެވެ.
Maldives Women's Towards Future Womens National Team