News
ކޮމަންވެލްތް ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ރާއްޖެއަށް ލިބިއްޖެ
28 އޯގަސްޓް 2020
ކޮމަންވެލްތް ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ރާއްޖެއަށް ލިބިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތް ގޭމްސްގެ ފުރުސަތު ލިބުނުކަން ކޮމަންވެލްތް ގޭމްސް ފެޑެރޭޝަންގެ ރައިސް ޑޭމް ލުއިސް މާޓިން ލިޔުމަކުން އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.
ކޮމަންވެލްތް ގޭމްސް ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ ކޮމަންވެލްތް ފެޑެރޭޝަންގެ މެންބަރުކަން ރާއްޖެއަށް ލިބުމުންނެވެ. އެ ފެޑެރޭޝަންގެ މެންބަރުކަން ރާއްޖެއަށް ލިބުނީ މެންބަރު ގައުމުތަކުގެ ތެރެއިން 50 އިންސައްތަ ގައުމުގެ ވޯޓާއެކުއެވެ. ރައީސް ވަނީ ރާއްޖެއަށް އެ ފުރުސަތު ހޯދައިދިނުމަށް އެއްބާރުލުންދެއްވި ހުރިހާ މެންބަރު ގައުމުތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމަންވެލްތް ގޭމްސް އަކީ53 ގައުމުން ބައިވެރިވެގެން ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެވެ. މިގޭމްސްގައި 18 ކުޅިވަރެއްގެ 261 އިވެންޓް އޮވެއެވެ. އަދި ހަތަރުހާހަށްވުރެ ގިނަ އެތްލީޓުން މި ހަރަކާތްތަކުގައި ބައިވެރިވެއެވެ.
ކޮމަންވެލްތް ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި ރާއްޖެ އިން ކޮމަންވެލްތާއި އެކު އޮތް ގުޅުން ކަނޑާލުމުންނެވެ. ކޮމަންވެލްތް މެންބަރުކަން ދޫކޮށްލުމާއި ހަމައަށް 1986 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ ފެބުރުއަރީމަހު ރާއްޖެ އިން ވަނީ އަލުން ކޮމަންވެލްތްގެ މެންބަރު ގައުމަކަށް ވެފައެވެ.