News

މިހާރުގެ ވިސްނުމަކީ އައިއޯއައިޖީ ފަސްކުރެވޭތޯ ބެލުން: މަހްލޫފް

27 އޯގަސްޓް 2020






ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފަސްކުރެވޭތޯ ބެލުމަކީ މިހާރު ގެންގުޅެމުން އަންނަ ވިސްނުމެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.


މަހްލޫފް މިހެން ވިދާޅުވީ ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަހްލޫފް ވިދާޅުވީ މިހާރު ގަބޫލުކުރެވޭ އެއްގޮތަކީ މުބާރާތް ލަސްކުރުން ކަމަށެވެ. އޭރުން ރާއްޖެއަށްވެސް މުބާރާތައް ތައްޔާރުވުމަށް ވަގުތު ލިބޭނެ ކަމަށާއި، މިހާލަތުން އަރައިގަތުމަށް ވަގުތު ނަގާނެ ކަމަށާއި އައިއޯއައިޖީ ބޭއްވުމަށް ރާއްޖޭން ވާންޖެހޭ ތައްޔާރީތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެ ކަމަށް ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ކުއްލިއަކަށް މިހުރިހާ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.


މަހްލޫފު ވިދާޅުވީ ގޮތެއް ނިންމޭނީ ތަންކޮޅެއް ސާފުކޮށް ކުރިމަގު ފެންނަ ހިސާބަށް ދިޔައީމަ ކަމަށާއި، އޭނާއަށް ލަފާކުރެއްވޭ ގޮތުގައި އެންމެ އަވަހަށްވެސް އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭވަރު ވާނީ 2024 ގައި ކަމަށެވެ.

 

ދުނިޔޭގެ އެހެން ބޮޑަތި ކުޅިވަރު މުބާރާތްތައްވެސް އެއް އަހަރު ފަހަތައް ޖައްސާލާފައި އެބަހުރި ކަމަށާއި، އެހެންކަމުން 2014 އާއި ހަމައަށް އައިއޯއައިޖީ ލަސްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

މަހްލޫފް ވިދާޅުވީ މި މަސައްކަތް ކުރިޔަށް ގެންދެވޭނީ އޮލިމްޕިކް ކޮމިޓީއާއި ގޭމްސްގެ އޮގަނައިޒިން ކޮމިޓީ އާއި މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި އެއަށްފަހު ގޮތެއް ނިންމާނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާ ކޮމިޓީއަކުން ކަމަށެވެ.

 

ރާއްޖޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ފަހިވީ ސަރުކާރާއި އޮލިމްޕިކް ކޮމިޓީން ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފެސިލީޓީތައް ގާއިމުކުރުމުގައި މި ދަނޑިވަޅު ދިމާވެފައިވާ ދަތިތަކާއެކު މިނިސްޓަރ މަހްލޫފް މީގެ ކުރިން ވަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކި ގޮތްގޮތުން މަސައްކަތްކޮށްގެންވެސް މި މުބާރާތް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

 



Leave a Comment:

Comments will be published after moderation.