News

ސްވިމިންޕޫލްގެ މަސައްކަތް އަނެއްކާވެސް ބާރު ސްޕީޑްގައި ކުރިޔަށް އެބަދޭ: މަހްލޫފް

26 އޯގަސްޓް 2020






މާލޭގައި ހަދާ ސްވިމިން ޕޫލްގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

 

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަން ފާހަގަ ކުރައްވާ މަސައްކަތް ހިނގާ ސައިޓްގެ ދެ ފޮޓޯއެއްވެސް ހިމަނާފައިވެއެވެ.

 

ސްވިމިން ޕޫލް އެޅުމުގެ މަސައްކަތުގައި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އަދި ހިންގާ ކޮމިޓީގެ މެންބަރުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބޭކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

 

މާލޭގައި އޮލިމްޕިކްސް ސައިޒްގެ ސްވިމިން ޕޫލެއް އެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެހެން ނަމަވެސް ސްވިމިން ޕޫލް އަޅާނެ ބިމެއް ހަމަޖެހުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެގޮތުން ހަމަޖެހުން ބިމަކީ މާލޭ ދުވާ ޓްރެކް ކައިރީގައި އޮންނަ ކުރީގެ ކުނިގޮނޑުގެ ގޮތުގައި ބޭނުން ކުރި ބިމެވެ.  

 

ބިންހަމަޖެހުނު ހިސާބުން ފެށިގެން އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔަ ނަމަވެސް ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ އާ ހަވާލުކޮށްގެންނެވެ. އެހެންނަމަވެސް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން މަސައްކަތައް މަޑުޖެހުމެއް އައެވެ.

 

ކުޅިވަރާއި ބެހޭ ވަޒީރު ކުރިން ވިދާޅުވެފައިވަނީ މާލޭގައި އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލު ވެގެންދާނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ފެންވަރުގެ ޕޫލަކަށް ވާނެ ކަމަށެވެ. 

 

 



Leave a Comment:

Comments will be published after moderation.