News

އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަން، ރަސްމީކޮށް އަންގާނީ ސްޕޯޓްސް ކޮމިޝަނަރު: މަހްލޫފް

24 އޯގަސްޓް 2020






ފީފާ އާއި އޭއެފްސީންވެސް ބަލައިގެންފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަމިއްލަ ހައިސިއްޔަތުން ބަލައިގަންނަ ކަމަށާއި އެކަން ރަސްމީކޮށް އަންގާނީ ސްޕޯޓްސް ކޮމިޝަނަރު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

 

މަހްލޫފު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

 

މެންބަރު ހުސެއިން ސުވާލު ކުރެއްވީ އިންތިހާބު ފަސްކުރަން އެފްއޭއެމަށް އެންގިކަމަށް މިނިސްޓަރު ވިދާޅުވެފައިވަނިކޮށް އިންތިހާބު ބޭއްވީ ވަޒީރުގެ އެންގުމާ ހިލާފަށް ކަމަށް ގަބޫލުކުރައްވަންތޯ އެވެ. މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް އިންތިހާބު ފަސްކުރަން އެންގި އެންގުމެން ނުވަތަ ކުރި އަމުރެއް ނޫން ކަމަށާއި އިންތިހާބު ފަސްކުރުމަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ އެދުމަށް ކަމަށެވެ.

 

އަދި އިންތިހާބު ހުއްޓުވުމުގެ ބާރެއް މިނިސްޓަށްވެސް އަދި ސްޕޯޓްސް ކޮމިޝަނަށްވެސް ނޯންނަ ކަމަށާއި، އެންމެ ފަހުން އިއްޔެވެސް އެފްއޭއެމްގެ އިންތިހާބާ މެދު މައްސަލައެއް ނެތް ކަމަށް ސްޕޯޓްސް ކޮމިޝަނަރު އޭނާއަށް އަންގަވާފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

 

އެފްއޭއެމްގެ އިންތިހާބު އޭނާ ބަލައިގަންނަ ކަމަށާއި،އެކަން ރަސްމީކޮށް ލިޔުމުން އަންގާނީ ސްޕޯޓްސް ކޮމިޝަނަރު ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވަރަށް އަވަހަށް އެކަން އަންގަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

 

އެފްއޭއެމްގެ އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް ތިން ފަހަރަށް މަހްލޫފު ވަނީ މަޖިލީހަށް ޖަވާބުދާރީވެފައެވެ. އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިދިނުމަށް އެދި އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރެއްވި ކޮމިޓީއަށްވެސް މަހްލޫފު ހާޒިރުކުރުވިއެވެ.

 

އަދި އޭގެ ފަހުން މިދިޔަ މަހުގެ 21 ގައި އޮތް މަޖިލީޙުގެ ޖަލްސާއަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ހާޒިރު ކުރެއްވުމުންވެސް މެންބަރުން ވަނީ އެފްއޭއެމްގެ އިންތިހާބާ ގުޅޭ ސުވާލުތައް މިނިސްޓަރާ ކުރިމަތި ކުރުވާފައެވެ.

 



Leave a Comment:

Comments will be published after moderation.