News

ކޮވިޑާއިއެކު ކުޅިވަރުތައް ހުއްޓި ކުޅުންތެރިން ގޮތް ހުސްވެފައި!

20 އޯގަސްޓް 2020






ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރުތަކެއް ހުއްޓާލާފައިވާއިރު، އެކަމުގެ ދަތިކަން ގައުމުގެ މުސްތަގުބަލުކަމަށްވާ ޒުވާނުން ދަނީ އުފުލަމުންނެވެ. ކުރީޒަމާނުގައި ކުޅިވަރަކީ ހިތްހަމަ ޖައްސާލުމަށް ކުޅޭ އެއްޗެއް ކަމުގައިވީނަމަވެސް ޒަމާން ބަދަލުވެ ކުޅިވަރަކީ ވެސް އާމްދަނީ ހޯދުމަށް ކުރާކަމެއްގެ ގޮތުގައި މިވަނީ ބަދަލު ވެފައެވެ.

 

ކޮވިޑް 19 އާ ގުޅިގެން ކުޅިވަރުތައް މަޑުޖައްސާފައިވާއިރު، ފަރިތަކުރުންތައް ކުރިޔަށް ނުދާތީ ގިނަ ކުޅިވަރުތަކުގައި ކުޅުންތެރިންނަށް ކްލަބުތަކުން ދެމުންއައި މުސާރަ ދިނުންވަނީ މަޑުޖައްސާލާފައެވެ. ކުޅިވަރު ކުޅެގެން ދިރިއުޅުމުގެ ކަންކަން ކަން ހަމަޖައްސަމުން އައި އެތައް ޒުވާނުންނަކަށް އެއްވެސް އާމްދަނީއެއް ނުލިބި ގާތްގަނޑަކަށް ފަސްމަސް ނިމިގެންދާއިރު އެކުޅުންތެރިންނަށް އެއްވެސް އުންމީދެއް ކަމާއި ބެހޭ ފަރާތްތަކުން ދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން ކުޅުންތެރިން ދަނީ ފާޅު ކުރަމުންނެވެ.

ކުޅިވަރު އަލަށް ފެށޭނެ ދުވަހެއް ނޭނގޭކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅާއި އެކު މިހާރުވަނީ ކުޅިވަރުތައް ފަށައިފައެވެ. ގިނަ ކުލަބުތަކުން އެކަމުގެ ޝަކުވާ މީސް މީޑިއާގައި ކޮންމެ ދުވަހަކުހެން ދަނީ ކުރަމުންނެވެ. 

 

"ބޯޅައެމްވީ" އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފުޓުބޯޅައިގައި ލީޑް ކުރަމުންދާ އެއް ކުލަބުގެ އިސްބޭފުޅަކު ވިދާޅުވީ އެބޭފުޅުނަށް ވެސް ކްލަބު ހިންގަން ފައިސާ ލިބެނީ އެފްއޭއެމް އާއި ސްޕޮންސަރުންގެ ފަރާތުން ކަމަށާއި މިހާރު މުބާރާތްތައް ކުރިޔަށް ނުދާތީ ގިނަ ތަންތަނުން ދެމުން އައި ސްޕޮންސާ ވެސް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭ އިން ހަދާ ގައިޑްލައިނެއްގެ ދަށުން ފަރިތަކުރުންތައް ބޭއްވުމަށާއި މުބާރާތްތައް ހިންގަން ފުރުސަތު ލިބެންޖެހޭކަމަށެވެ.

 

އެހެންނޫނަމަ ގިނަ ޒުވާނުންތަކެއް މަގުމަތިވެ، ޒުވާނުން ކުޅިވަރު ދާއިރާ މަތިން ފޫހިވެ ގޯސް މަގު އިޚްތިޔާރު ކުރުން އެކަށީގެންވާ ކަމަށެވެ. ގިނަ ކުޅުންތެރިންނަކީ އެކި އަތޮޅުތަކުގެ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުމުން ގިނަ މީހުންނަށް ކެއިން ބުއިން ހަމަޖެހޭނެ ފަދަވެސް ނެތެވެ. އުޅޭތަކަށް ކުލިދެއްކޭނެ ގޮތެއްނެތި އަމިއްލަ ރަށަށް ގިނަ ކުޅުތެރިންތަކެއް ދަނީ ބަދަލުވަމުންނެވެ. އިތުރުގޮތެއް ނެތީމައެވެ. އޭގެ ސަބަބުން ކްލަބުތަކަށްވެސް އެކަމުގެ ގެއްލުން ކުރާނެ ކަން ޝައްކެއްވެސް ނެތެވެ. 

 

ކުޅުންތެރިންނާއި ކްލަބުތަކުގެ މިފަދަ ކަންބޮޑުވުންތަކެއް ހުރުމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރު ކުޅުން މެދުކަނޑާލުމަށްފަހު، ޖިމްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކޮން ގޮތަކަށް ވިސްނާފައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޖިމްތައް ހުޅުވުމުގެ ހުއްދަ ދެއްވާފައިވަނީ އެތަންތަނަކަކީ އާމްދަނީ ހޯދުމަށް ބަޔަކު ކުރާކަމެއް ކަމަށް ވުމުން ކަމަށެވެ.

 

އެކަމަށް ރައްދު ދެއްވައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މުހައްމަދު ނިޒާމް އޭނާގެ ޓްވިޓާގައި ބުނެފައިވަނީ ކުޅިވަރު ކުޅޭ ޒުވާނުންނާއި ކޯޗުންނަށް އާމްދަނީ ލިބެނީ ކުޅިވަރު ކުޅެގެން ކަމަށެވެ. ކުޅިވަރު ކުޅުމަކީ ވެސް ވިޔަފާރިއެއް ކަމަށާއި މިފަދަ ގިނަ ޒުވާނުންނާއި ގުޅޭ މައްސަލަތަކުގައި ދޯދިޔާ ނިންމުންތަކެއް ނިންމެވުމަކީ ދެރަކަމެއް ކަމަށެވެ. އަދި އެޗްޕީއޭއިން މިފަދަ ކަންކަން ނިންމަވާއިރު ކަމާއި ގުޅޭމީހުންގެ އިރުޝާދު ހޯދުމަށް ވެސް ނިޒާމް ވަނީ އެދިފައެވެ. 

ގިނަކްލަބުތަކުން ބުނެފައިވަނީ ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އިން ކުޅިވަރު ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ނަމަވެސް އެޗްޕީއޭގެ ހުއްދަ ލިބިގެން ނޫނީ ކުޅިވަރުތައް ފެށޭނެ ގޮތެއް ނެތްކަމަށެވެ.

 

ސްޓެޓިސްޓިކް ތަކަށް ބަލާއިރު ކޮވިޑް19 އެންމެ ގިނައިން ފެތުރޭ ލިސްޓުގައި ޖިމްތައް ހިމެނޭއިރު، އެތަންތަނަށް ހުއްދަ ދިނުމަށްފަހު އެހެން ކުޅިވަރުތައް ހުޓުވާފައިވާތީ ކުޅިވަރުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ އެޗްޕީއޭގެ ނިންމުންތަކަށް ފާޑު ކިޔަމުންނެވެ. 

 

 

football

Leave a Comment:

Comments will be published after moderation.