News
އިންޓަރ ސްކޫލް: ބޮޑު މޮޅަކާއި އެކު ބާކީ އެއް މެޗު އޮތްވާ ކުއާޓަރ ފައިނަލްގެ ޖާގައެއް ގާޒީ ސްކޫލް ޔަގީކޮށްފި
3 މާރިޗު 2019
މިހާރު ކުރިއަށްދާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު މުބާރާތުގައި އަލަށް ވާދަކުރާ ހުރަވީ ސްކޫލްގެ މައްޗަށް 14-0 ގެ ބޮޑު މޮޅަކާއި އެކު ގާޒީ ސްކޫލް ކްއާޓަރ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ. ގާޒީ ކްއާޓަރ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައި މިވަނީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅެން ޖެހޭ އެއްމެޗު ބާކީ އޮތްވައެވެ.
މިއަދުގެ މެޗަށް ދެ ޓީމް ނިކުތްއިރު، ހުރަވީ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން ޖަމާލުއްދީން ސްކޫލް އަތުން 0-4 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް ގާޒީ ސްކޫލް މެޗާއި ކުރިމަތިލީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތާޖުއްދީން ސްކޫލްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މިމެޗުގެ ކުރިންވެސް މި މެޗުން މޮޅުވާނީ ގާޒީ ސްކޫލްކަމަށް ގިނަ ބަޔަކު ދިޔައީ ޤަބޫލްކުރަމުންނެވެ. ސަބަބަކީ ދެ ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރެވެ. ގާޒީ ސްކޫލްގެ މިފަހަރުގެ 15 އަހަރުން ދަށުގެ ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރު މަތި ވެފައި ހުރަވީ އަކީ މި އަހަރު އަލަށް ހުޅުވި ސްކޫލަކުން އިންޓަރ ސްކޫލް ފުޓްބޯޅައިގެ ތެރެއަށް އުފަންވި އާ ޓީމެކެވެ.
މި މެޗުގައި ގާޒީ ސްކޫލްގެ 4 ކުޅުންތެރިއަކު ވަނީ ހެޓްރިކް ހަދާފައެވެ. މީސަމް މުމްތާޒް އާއި މުޙައްމަދު ލަޔާން އަޙުމަދު ގެ އިތުރުން ގާޒީ ސްކޫލްގެ ޓީމުގައި މިފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޫސުފް ސާއިފް ގެ އިތުރުން ހަސަން އަޒޫމްވެސް ވަނީ ހެޓްރިކް ހަދާފައެވެ.
މެޗު ރަނގަޅަށް ފެށީ ގާޒީ ސްކޫލްއިންނެވެ. ފުރަތަމަ ހާފުގެ ކުޅުން ގާޒީ އިން ފުރިހަމަ ކުރީ 0-5 ނަތީޖާ އަކުން ކުރީގައި އޮވެގެންނެވެ. މެޗުގެ 7 ވަނަ މިނެޓްގައި މީޝަމް މުމްތާޒްގެ ގޯލުން ގާޒީ ލީޑް ނެގިއިރު މީޝަމް ވަނީ އޭނަގެ ފުރަތަމަ ގޯލް ޖެހިތާ 10 މިނެޓްފަހުން ގޯލެއްޖަހާ މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްލަދީފައެވެ. 14 ވަނަ މިނެޓްގައި މުޙައްމަދު ލަޔާން ގޯލެއްޖަހައި ލީޑް ބޮޑުކޮށްދީފައިވާއިރު ހަސަން އަޒޫމްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެނިކޮށެވެ. ފުތަތަމަ ހާފުގެ އިތުރު ވަގުތުގައި މެޗުގައި ކެޕްޓަން ކުރަމުން ދިޔަ ޔޫސުފް ސާއިފް ވަނީ އޭނަގެ ފުރަތަމަ ގޯލް ޖަހައި ސްކޯރ ޝީޓް އިން ޖާގަ ހޯދާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ގާޒީ އިން ޖުމްލަ 9 ގޯލެޖަހާފައިވާއިރު ދެވަނަ ހާފުގެ ގޯލް ހުޅުވައިދިނީ ފުރަތަމަ ހާފުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން މީޝަމް މުމްތާޒްއެވެ. 37 ވަނަ މިނެޓްގައި މީޝަމްވަނީ މެޗުގެ އޭނަގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ 4 މިނެޓް ފަހުން 41 ވަނަ މިނެޓްގައި އަޙުމަދު އީރާޒް ގޯލެއް ކާމިޔާބިކުރިއިރު އަނެއްކާވެސް އޭގެ 4 މިނެޓްފަހުން ޝާއިފް ވަނީ އޭނަގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ. މުޙައްމަދު ލަޔާން އޭނަގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގެ 47 ވަނަ މިނެޓް އަދި 54 ވަނަ މިނެޓްގައި ޖެހި ގޯލްތަކުންނެވެ. ދެވަނަ ހާފުގައި ޖެހި އިތުރު 2 ގޯލްއިން ހަސަން އަޒޫމްވެސް ހެޓްރިކް ހެދިއިރު ޔޫސުފް ސާއިފްގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް، 60 ވަނަ މިނެޓްގައެވެ. މެޗުގެ ފަހު ގޯލް ޖަހައިދިނީ ގާޒީގެ ޑިފެންސްއަށް ކުޅެމުންދިޔަ ހުސެއިން ލިދާންއެވެ.
މިފަހަރު ގާޒީގެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 15 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ދެ ތަރިން ކަމަށްވާ ހަސަން އަޒޫމް އާއި ޔޫސްފް ސާއިފް ގެ ކުޅުން ވަރަށް ބޮޑަށް އެޓީމުގެ ކާމިޔާބުގައި ހިއްސާކުރަމުންދެއެވެ.
މުބާރާތުގެ ކުޅުނު ދެމެޗުން ހުރަވީ ސްކޫލް މުބާރާތުން އަލްވަދާޢު ކިޔަންޖެހިފައިވާއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ހުރަވީ ބަށްދަލުކުރާނީ ތާޖުއްދީން ސްކޫލާއެވެ. މި މިމޮޅާއިއެކު ގާޒީ ސްކޫލް ޖެހިގެން އޮތް ކްއާޓަރ ފައިނަލް ބުރަށް ދަތުރުކޮށްފައިވާއިރު ގްރޫޕް ތާވަލްގެ އެއްވަނަގައި މިވަގުތު އޮތްނަމަވެސް ތާވަލްގެ އެއްވަނަ މަޤާމް ކަށަވަރުވާނީ މިގްރޫޕްގެ ފަހު މެޗުގައި ގާޒީ އަދި ޖަމާލުއްދީން ސްކޫލް ބަށްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.
މިމުބާރާތުގައި 15 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުރިއަށްދާނީ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މެޗުތައް ބެލުމަށް ދަނޑަށް ވަނުމަށް އެދޭ ހުރިހާ ފަރާތްތަކަށްވެސް ދަނޑަށް ހިލޭ ވަނުމުގެ ފުރުސަތުވަނީ އެފް.އޭ.އެމް އިން ހުޅުވާލާފައެވެ.
(ފޮޓޯ: އިމޭޖަސް.އެމްވީ)
އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ