News
މެސީ ބާސާ ދޫކޮށްލަން ހުށަހަޅައިފި!
18 އޯގަސްޓް 2020
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބާޔަން މިއުނިކް އަތުން އެފްސީ ބާސެލޯނާ 8-2 ން ބަލިވެ މުބާރާތުން ކެޓުމާއި ގުޅިގެން އެ ކުލަބަށް މަލާމާތް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ކުލަބު ދޫ ކޮށްލަން ހުށަހަޅައިފި އެވެ.
ބްރެޒިލްގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ބޯޑަށް މެސީ ހުށަހަޅާފައިވާ ހުށަހެޅުމުގައި، އޭނާ ކުލަބާއެކު 2021 އާއި ހަމައަށް ހަދާފައިވާ އެއްބަސްވުން އޮތްނަމަވެސް ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އެ ނިއުސް އައުޓްލެޓުން ބުނާ ގޮތުގައި ބާސާ ދޫކޮށްލަން މެސީ ބޭނުންވަނީ ކާމިޔާބު ކުރިމަގެއް މެސީއަށް އެޓީމުން ފެންނަން ނެތުމުނެވެ.
ދަ ގާޑިއަން ނޫހުން ލަފާކުރާ ގޮތުގައި ބާސާ ދޫކޮށް މެސީ ހަމަޖެހިލާނީ ޕީއެސްޖީ ނުވަތަ މެންޗެސްޓާ ސިޓީގައެވެ. 700 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑު އުމުރުން 33 އަހަރުގެ އާޖެންޓީނާގެ ކުޅުންތެރިޔާ، މެސީ އަށް އެފޯޑް ކުރެވޭނެ ހަމައެކަނި ދެ ކުލަބަކީ އެއީ ކަމަށް އެ ނޫހުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ބާސެލޯނާ ބަޔާން މިއުނިކް އަތުން ބަލިވި ނަތީޖާ އަކީ އެ ކުލަބުގެ ހަޔާތުގައި ފާއިތުވި 75 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެވެ.
މެސީ ބާސެލޯނާ އާއި ގުޅުނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައި އޮކްޓޯބަރ 2004 ގައެވެ. މެސީގެ މުޅި ޕްރޮފެޝަނަލް ކެރިއާ އޭނާ ހޭދަކުރީ ބާސެލޯނާގައެވެ. އެ ކުލަބުގެ ކެޕްޓަންކަމުގައި ފޯވާޑެއްގެ ރޯލު އަދާކޮށް ގިނަ ކާމިޔާބީތައް ކުލަބަށް ހޯދައިދިން މެސީ ވަނީ ޔޫރަޕިއަން ފުޓްބޯޅައިގައި ދެވޭ އެންމެ މަތީ ފަންތީގެ އެވޯޑްތައްވެސް ހާސިލް ކޮށްފައެވެ.
އެގޮތުން ފްރާންސުން ހޮވާ ބެލޮންޑިއޯ އެވޯޑް 6 ފަހަރަށް ހޯދިއެވެ. ޔޫރަޕުން ދޭ ރަންބޫޓު 6 ފަހަރު ހޯދިއެވެ. މެސީ ބާސެލޯނާއަށް ހޯދައިދިން ކާމިޔާބީތަކުގެ ތެރޭގައި އޭނާ ވަނީ 33 ޓްރޮފީ އެ ކުލަބަށް ހޯދާދީފައެވެ. އޭގެ ތެރޭގައި 10 ފަހަރަށް ލަލީގާ ޓައިޓަލް ކާމިޔާބުކޮށްދިނުމާއި 4 ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ޓައިޓްލް ހޯދައިދިނުން ހިމެނެއެވެ. އަދި 6 ފަހަރަށް ކޮޕާސް ޑެލް ރޭ ކާމިޔާބުކޮށްދިނެވެ.