News
ޔުއެފާ ޗެމްޕިއަންސް ލީގު: 8-2 ން ބާސެލޯނާ ބަލިކޮށް ބަޔާން ސެމީއަށް
15 އޯގަސްޓް 2020
ޔޫރަޕްގެ މުބާރާތެއްގައި މި ފަހުން ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ގޮތަކަށް ފުޓްބޯޅައިގެ ވަރުގަދަ ބާސެލޯނާ ބަލިކޮށް ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޖަރުމަނު ލީގުގެ ޗެމްޕިއަން ބަޔާން އިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔައީ ހުކުރުދުވަހުގެ ރޭ ޕޯޗްގީޒް ކެޕިޓަލް، ލިސްބަންގައި ކުޅުނު މެޗުގައި 8-2 ން ބާސެލޯނާ ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ހާފް ފެށިގެން އައިއިރުވެސް ވާދަވެރި މޮޅު ކުޅުމެއް ދައްކަމުން އައި ބަޔާނުން ފުރަތަމަ ލަނޑު ޖެހީ 4 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު ތޯމަސް މުލާއެވެ. އެހެންނަމަވެސް ބަޔާންގެ ޑޭވިޑް އަލަބާ އަތުން މެޗުގެ 7 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ލަނޑަކާއި އެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ
މި ނަތީޖާގައި އޮވެ މާގިނައިރުތަކެއް ނުވަނީސް 21 ވަނަ މިނިޓްގައި އަނެއްކާވެސް ބަޔާނުން ގޯލު ޖެހިއެވެ. މިއީ ސާޖް ޖަނަބްރީ ދިން ބޯޅައެއް އިވާން ޕެރިސިޗް ބާސެލޯނާގެ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން އެޓީމުގެ ދެވަނަ ލަނޑެވެ. ބަޔާންގެ ތިނަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 27 ވަނަ މިނިޓްގައި ލިއޯން ގޮރެޓްޒްކާގެ އެހީތެރިކަމާއެކު ގްނަބްރީ އެވެ
މެޗުގެ 31 ވަނަ މިނިޓްގައި އަނެއްކާވެސް ބަޔާނުން ވަނީ ބާސާގެ ގޯލު ފޫއަޅުވާލާ 4 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ 31 ވަނަ މިނިޓްގައި މުލާއެވެ.
ބާސާއަށް އުނދަގޫ ނަތީޖާއަކާއި އެކު ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މެޗުގެ 57 ވަނަ މިނިޓްގައި ބާސާގެ ލުއިސް ސުއަރޭޒް ވަނީ އެ ޓީމުގެ 2 ވަނަ ލަނޑު ޖަހާފައެވެ.
ބަޔާންގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނިޓްގައި ޖޯޝުއާ ކިމިޗް އެވެ. ބަޔާނުން 6 ވަނަ ލަނޑު ޖެހީ 82 ވަނަ މިނިޓްގައި ލެވަންޑޯސްކީ އެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގައި އޭނާ ޖެހި 14 ވަނަ ލަނޑެވެ. ބަޔާންގެ 7 ވަނަ ލަނޑު އަދި 8 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ 85 އަދި 89 ވަނަ މިނިޓްގައި ކުޓީނިއޯ އެވެ.
ކުޓީނިއޯ އަކީ ބާސާގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅޭ ކުޅުންތެރިއެވެ.
މި ނަތީޖާއާއި އެކު ރޭގެ މެޗު ނިމި ބާސާ މުބާރާތުން ކެޓި އިރު މިއީ 2008 ގެ ފަހުން ބާސާއަށް ކާމިޔާބެއް ނުހޯދޭ ހަމައެކަނި ސީޒަނެވެ. މި ސީޒަނުގައި އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާތީ ބާސާގެ ކޯޗު ކިކޭ ސެޓިއެންގެ މުސަތަގްބަލާމެދު މިވަނީ ސުވާލު އުފެދިފައެވެ. ފުޓްބޯޅަ އެނަލިސްޓުން ދެކޭ ގޮތުގައި ރޭގެ ބޮޑު ބައްޔާއެކު ޗެމްޕިއަންސް ލީގުން ބާސާ ކެޓުމަކީ ބާސާ އާއި އެކު ސެޓިއެން އަށް އޮތް ފުރުސަތުގެވެސް ނިމުމެވެ. އޭނާ ބާސާގެ ކޯޗުކަމާއި ހަވާލުވީ މިއަހަރުގެ ޖެނުއަރީގައެވެ.