News
ޔުރޮޕާ ލީގު: މެންޗެސްޓާ ޔުނައިޓެޑް ސެމީ ފައިނަލަށް
11 އޯގަސްޓް 2020
މެޗުގެ އިތުރުވަގުތުގައި ބުރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން ޕެނަލްޓީއާއި އާއި އެކު މެންޗެސްޓާ ޔުނައިޓެޑް ޔުރޮޕާ ލީގުގެ ސެމީފައިނަލުގެ ޖާގަ އެއް ކަށަވަރުކޮށްފިއެވެ.
ޔުނައިޓެޑުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ރޭ ކުއާޓާ ފައިނަލްގައި އެފްސީ ކޯޕަންހޭގަން 1- 0 ން ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުލްޓައިމްގެ ކުޅުން ހަމަވިފަހުން ދިން އިތުރު ވަގުތުގައިމެޗުގެ ހަމައެކަނި ގޯލް ޔުނައިޓެޑުން ކާމިޔާބުކުރީ 95 ވަނަ މިނިޓްގައެވެ.
ފެނާންޑޭސްގެ މި ގޯލާއި އެކު ސެމީ ފައިނަލަށް ޔުނައިޓެޑް ދިޔަ ރޭގެ މެޗަކީ ދެ ޓީމުންވެސް ވަރުގަދަ ހަމަލާތަކެއް އުފެއްދި މެޗެކެވެ.
ކޯޕަންހޭގަންގެ ގޯލަށް ޔުނައިޓެޑުން ތަކުރާރުކޮށް ނުރައްކާކުރި ނަމަވެސް ކޯޕަންހޭގަންގެ ގޯލްކީޕަރު ކާލް ޖޯހަން ޖޯންސަންސް ވަނީ 13 ފަހަރު ބޯޅަ ސޭވް ކޮށްފައެވެ.
ވޮލްވްސް އާއި ސެވިލާ މާދަމާރޭ ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި އެކު ޔުނައިޓެޑުން ސެމީފައިނަލް މެޗް ކުޅޭނީ މިމަހުގެ 17ވާ ހޯމަދުވަހުގެ ރެއެވެ.
އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީން ކޯޕަންހޭގަންގެ ގޯލުގެ ކަނަށް ފެނާންޑޭޒް ފޮނުވާލި ބޯޅަ އާއި އެކު ޔުނައިޓެޑުން ޔުރޮޕާލީގުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރި މިއީ 17 ވަނަ ފަހަރެވެ.
ޔުނައިޓެޑުން ވަނީ މީގެ ހަތަރު ސީޒަން ކުރިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.