News
ސްމާރޓް ފުޓްބޯލް އާއި އެކު ޔޫތް ޑިވޮލޮޕްމަންޓް ކޯޗުންނަށް މަޢުލޫމާތު ޝެޝަންއެއް އެފް.އޭ.އެމް އިން ބާއްވައިފި.
27 ފެބްރުއަރީ 2019
ސްޕެއިން ނަން މަޝްހޫރު ސްމާރޓް ފުޓްބޯލް އެކަޑަމީއާއި ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފް.އޭ.އެމް) އިން ގުޅިގެން މަޢުލޫމާތު ސެޝަންއެއް ބާއްވާފިއެވެ. މިއަދުގެ މެންދުރު އެފް.އޭ.އެމް ގައި ކުރިއަށް ގެންދިޔަ މި ސެޝަން އަމާޒުކުރެވުނީ މިވަގުތު މާލޭގައި ޤާއިމްކުރެވިފައިހުރި ފުޓްބޯޅަ އެކަޑެމީތަކުގައި ޔޫތް ޑިވޮލޮޕްމަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކޯޗުންނަށެވެ.
މި ސެޝަންގައި މާލޭގައި މިވަގުތު ކުރިއަށްދާ ހުރިހާ އެކަޑެމީއަކުން ވެސް ކޯޗުން ބައިވެރިވެފައިވެއެވެ. ބައިވެރިންނަށް މައުލޫމާތު ހިއްސާކުރީ ސްމާރޓް ފުޓްބޯލް އެކަޑެމީގެ ތަޖުރިބާކާރު ހަތަރު ކޯޗުންނެވެ. މީގެ ތެރޭގައި ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބް، ރިއާލް މެޑްރިޑް އެކަޑެމީގައި ހެޑް އޮފް ޓެކްނިކަލް ވެސް ހިމެނެއެވެ.
ފުޓްބޯޅައިގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ބާސްކެޓް ކުޅުންތެރިންނާއި ކޯޗުންވެސް ކުރިއަރުވާ ކެރިއަރުގެ ދެން އޮތް މަރުހަލާތަކަށް ފޯރުކޮށްދިނުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކުރަމުން އަންނަ ސްމާރޓް ފުޓްބޯލް އެކަޑެމީއަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތައްކަމަށްވާ، ރިއާލް މެޑްރިޑް، ބަޔާން މިއުނިކް، މެންޗެސްޓަރ، ވެލެންސިއާ، ވިލަރިއާލް ފަދަ ކްލަބް ތަކާއިއެކުވެސް މަސައްކަތްކުރަމުން އަންނަ އެކަޑެމީއެކެވެ.
މި ސެޝަންގައި ޅަ އުމުރުން ފެށިގެން ޒުވާން އުމުރަށް ކުޅުންތެރިން ރަނގަޅުގޮތުގައި ތަރައްޤީކުރާނެ ގޮތާއި އެކަމަށް ހުރި ގޮންޖެހުންތަކާއި އެކަމަށް ކުރެވޭނެ މަސައްކަތްތަކުގެ އިތުރުން ސްމާރޓް ފުޓްބޯލް އެކަޑެމީ މިހާ ކާމިޔާބު އެކަޑެމީއަކަށް ވުމަށް ޓަކައި އެ އެކަޑަމީގެ މެޓަޑަލޮޖީ އަދި ފިލޯސަފީވެސްވަނީ ސެޝަންގެ ބައިވެރިންނާއި ހިއްސާކުރެވިފައެވެ.
ކުރިއަށް އޮތްދުވަސް ތަކުގައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް، ޙާއްސަކޮށް ޔޫޓް ޑިވޮލޮޕްމަންޓްއަށް އެފް.އޭ.އެމް އާއި ސްމާރޓް ފުޓްބޯޅަ އެކަޑެމީއާއި ދެމެދު އެމް.އޯ ޔޫ އެއްގައި ސޮއިކުރެވި އުއްމީދީ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް އެފް.އޭ.އެމް އިން މަޢުލޫމާތުދެއެވެ.
އެފް.އޭ.އެމް ޓްވާރޑްސް ފިއުޗަރ