News
ޔުވެންޓަސްއިން ސާރީ ވަކިކޮށް ޕިރްލޯއަށް ކޯޗުކަން ދީފި
10 އޯގަސްޓް 2020
ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރ އަންދްރޭ ޕިރްލޯއަށް ދެއަހަރު ދުވަހަށް އެޓީމުގެ ހެޑް ކޯޗުކަން ހަވާލުކޮށްފި އެވެ.
ޕިރްލޯއާއި 2 އަހަރު ދުވަހަށް ހަވާލުކުރީ އެ ޓީމުގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ އެމަގާމުން ވަކިކުރިތާ ހަފްތާއެއްހާ ދުވަސް ފަހުން 30 ޖުލައިގައެވެ.
ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާ ސާރީ ބާކީކޮށް ޔުވެންޓަސް ޓީމަށް އާ ކޯޗެއް ހޯދާފައި މިވަނީ އެންމެ ސީޒަނަކަށް ފަހުއެވެ.
ސާރީގެ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2022 އަށެވެ.
ސާރީ ކޯޗުކަމުން ވަކިކުރީ ހުކުރުދުވަހު ފްރާންސްގެ އޮލިމްޕިކް ލިޔޯން އާއި ބައްދަލުކުރި މެޗުން ބަލިވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓުމުންނެވެ.
އުމުރުން 41 އަހަރުގެ ޕިރްލޯ އާއި ކޯޗުކަން ހަވާލުކޮށް ޔުވެންޓަސްއިން ބުނީ އޭނާ އަކީ އެޓީމުގެ ކުރީގެ މޮޅު ކުޅުންތެރިޔަކަށްވެފައި އޭނާ އާއި މެދު ވަރަށް ބޮޑަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކުލަބަށް ކޮށްދިން މަސައްކަތާއި އެއްގޮތަށް ކޯޗެއްގެ ގޮތުގައިވެސް އޭނާގެ ހިދުމަތް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ޕިރްލޯ އަކީ އިޓަލީގެ ލެޖެންޑަރީ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އޭނާ ކުޅުނު ޒަމާނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. ޕިރްލޯ ވަނީ އިޓަލީއަށް 2006 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައިވެސް އިސްދައުރެއް އަދާކޮށްފައެވެ.
އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކުރީ އޭސީ މިލާނުގައެވެ. އޭގެ ފަހުން ޔުވެންޓަސް އާއި ގުޅި ދެ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ދެފަހަރަށް ލީގް ޓައިޓްލް ހޯދިއެވެ. އަދި ޔުވެސްޓަސްގައި ޕިރްލޯ ހޭދަކުރި މުއްދަތުގައި އެޓީމަށް ހަތަރު ފަހަރަށް އިޓާލިއަން ލީގު 'ސެރީއޭ' ކާމިޔާބުކޮށްދިނެވެ.