News
ކޮވިޑް-19: މާލެ ސަރަހައްދުގައި ކުޅިވަރު ހަރަކާތްތައް މަނާކޮށްފި
4 އޯގަސްޓް 2020
ކުޅިވަރު މުބާރާތްތަކާއި އެއްވެސް ޓޯނަމެންޓް ތަކާއި އެއްވެސް ޓީމެއްގެ ޕްރެކްޓިސްއެއް ދެން ކުރިޔަށް ނުގެންދެވޭނެ ކަމަށް ހެލްތް އިމަޖެންސީ އޮފަރޭޝަން ސެންޓަރުން އަންގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އާއި ފުލުހުންގެ އޮފިޝަލުން މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްތިމާސްކޮށްފައިވަނީ އެއްވެސް ކުޅިވަރު ޓީމެއް ނުވަތަ ޓޯނަމެންޓެއް ފަދަ އެއްވެސް ކުޅިވަރެއް ކުޅުމަށް އެއްނުވުމަށެވެ.
އެސެންޓަރުން ބުނީ ދާދިފަހުންވެސް އަމީނީ މަގުގެ ދަނޑެއްގައި ކުޅިވަރު މުބާރާތެއް ބޭއްވި ކަމަށާއި އެހެންނަމަވެސް ގިނަ މީހުން އެއްވެގެން ބާއްވާ މިފަދަ އެއްވެސް ކުޅިވަރުގެ ހަރަކާތެއް މިވަގުތުން ފެށިގެން ދެން ނުބޭއްވޭނެ ކަމަށާއި އެކަން މަނާވީ ކަމަށެވެ.
އެއްވެސް ކުޅިވަރުގެ ހަރަކާތެއް ބާއްވާނަމަ ފުލުހުން އެކަން ހުއްޓުވާނެއެވެ.
ދާދިފަހުން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ އޭޝިއަން ކަޕް/ވޯލްޑްކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައެވެ.
އިއްޔެވެސް ގައުމީ ޓީމުން ފަރިތަކުރުންތައް ބާއްވާފައިވެއެވެ. އަދި ކުލަބުތަކުންވެސް އަންނަނީ މަޑުމަޑުން ޕްރެކްޓިސްތައް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް ދެން އެޗްޕީއޭއީން ވަކި ގޮތެއް އަންގަންދެން ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރުތައްވެސް މާލެސިޓީ އާއި، ހުޅުމާލެ އަދި ވިލިމާލޭގައި ބޭއްވުން މަނާވީއެވެ.
އެޗްޕީއޭއިން މި ފިޔަވަޅު އެޅީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އާއި ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ އެވެ.
އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ކޮވިޑް-19 އަށް 129 މީހުން ޕޮސިޓިވްވިިއެވެ. އަދި މިވަގުތު 4000 އެއްހާ ކޮންޓެކްޓުން އެބަތިބިކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް 4293 މީހުންނަށް ބަލި ޖެހި 18 މީހުން ވަނީ މަރުވެފައެވެ. އަދި 2670 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބަލިޖެހިފައިވާ މީހުންގެ އަދަދަކީ 1590 އެވެ.