News

ސްކޮޑަށް ބަދަލު އަންނާނެ، އަޑުބަރޭ އާއި ވާހަކަ އެބަދެކެވޭ: މާޒިޔާ

3 އޯގަސްޓް 2020






އޭއެފްސީ ކަޕްގެ ބާކީ މެޗުތަކަށް މާޒިޔާ ސްޕޯޓް އެންޑް ރެކްރިއޭޝަން ކުލަބުގެ ސްކޮޑަށް ބައެއް ކުދި ކުދި ބަދަލުތައް އަންނާނެ ކަމަށް މާޒިޔާއިން ބުނެފިއެވެ.

 

މާޒިޔާގެ އޮފިޝަލަކު ބޯޅަ އެމްވީއަށް ވިދާޅުވީ މާޒިޔާގެ ސްކޮޑަށް ގެންނަ ބަދަލުތައް ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ވަރު ފަހުން އިއުލާނު ކުރާނެ ކަމަށާއި، އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ގެނައުމަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

 

އޭނާ ވިދާޅުވީ މާޒިޔާގެ ސްކޮޑާ އަޑުބަރޭ ގުޅޭކަމުގެ ޔަގީންކަން އަދި ކަށަވަރު ނުވާ ކަމަށާއި އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެކެވެމުންދާ ކަމަށެވެ. 

 

މިވަގުތު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމުގައި ހުރި އަޑުބަރޭ އަކީ ގައުމީ ޓީމުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުޅުނު ގިނަ މަޗުތަކެއްގައި މުހިންމު ދައުރެއް އަދާ ކުރި ވަރަށް ހުނަރުވެރި އަދި ތަޖްރިބާ ހުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އަޑުބަރޭގެ ކެޕްޓަންކަމުގެ ދަށުން 2016 ވަނަ އަހަރު ބަނގްލަދޭޝްގައި އޮތް 'ބަންގްބަންދު ގޯލްޑް ކަޕް' ގައި ރާއްޖެ ވަނީ ސެމީ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައެވެ. 

 

އޭއެފްސީ ކަޕަށް މާޒިޔާއިން އަމާޒު ހިފާފައިވަނީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ކްލަބަކުން ނުދާ ހިސާބަށް ދިއުމަށެވެ. މާޒިޔާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޓީމާ އަލަށް ހަވާލުވި ތަޖްރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މަސައްކަތް ފަށާފައެވެ.

 


އަސްހަދަކީ މީގެ ކުރިން މާޒިޔާގެ ކެޕްޓަން ބޭންޑުގައިވެސް ގިނަ މެޗުތަކެއްގައި ފެނުނު ކުޅުންތެރިއެވެ. މާޒިޔާއަކީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނެވެ.

 

އެހެންކަމުން މާޒިޔާގެ ސްކޮޑަކީ ވަރަށް ކާމިޔާބު އަދި އެހާމެ ތަޖްރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެކެވެ. އަދި ވަރަށް ވަރުގަދަ ތަމްރީނުތަކާއި ތަޖްރިބާކާރު ކޯޗިން ސްޓާފުންގެ ފުރިހަމަ އިރުޝާދުތަކުގެ ދަށުން ފުޓްބޯޅައިގެ އެންމެ އުހުގައި މިވަގުތު ވިދާލާ ކްލަބެކެވެ. 


އޭއެފްސީ ކަޕުގައި މާޒިޔާއަށް ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭ ގޮތަށް ޝެޑިއުލް ހަދާފައިވާއިރު އޭއެފްސީ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅެންޖެހޭ މެޗުތައް އޮންނާނީ އޮކްޓޯބަރ 23 ން ފެށިގެންނެވެ. ކޮންމެ ތިން ދުވަހަކު މެޗެއް ކުޅެން ޖެހޭގޮތަށް ޝެޑިއުލް ހަދާފައިވާއިރު އޮކްޓޯބަރ 23 ވާ ހުކުރު ދުވަހު މާޒިޔާ ނިކުންނަށް ޖެހޭނީ ބަނގްލަދޭޝްގެ ބަޝުންދްރަ ކިންގްސް އާއި ދެކޮޅަށެވެ.


އޮކްޓޯބަރ 26 ވާ ހޯމަ ދުވަހު މާޒިޔާ ނިކުންނަން ޖެހޭނީ ޓީސީ އާއި ދެކޮޅަށެވެ. އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހު ވެސް މާޒިޔާއަށް ކުޅެންޖެހޭނީ ޓީސީ އާއި ދެކޮޅަށެވެ.

 

މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން

Leave a Comment:

Comments will be published after moderation.