News

އިންޓަރ ސްކޫލް: އަޒްމޫންގެ މޮޅު ކުޅުމާއިއެކު ގާޒީއަށް މޮޅެއް

26 ފެބްރުއަރީ 2019






މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފެށިއްޖެއެވެ. މިއަދު ފެށިގެން ދިޔައީ މުބާރާތުގެ 15 އަހަރުން ދަށުގެ މުބާރާތެވެ.

މިއަދު މުބާރާތް ހުޅުވި މެޗުގައި މެންދުރުފަހު ބަށްދަލުކުރީ މުބާރާތުގައި އަލަށް ވާދަކުރާ ހުރަވީ ސްކޫލްއާއި ޖަމާލުއްދީން ސްކޫލްއެވެ. ހިތްދަތި ފެށުމެއް ހުރަވީއަށް ލިބުނުއިރު ޖަމާލުއްދީނަށް ލިބިގެންދިއައީ 4-0 ގެ ބޮޑު މޮޅެކެވެ. މިއަދު ދެވަނަ މެޗުގައި ތާޖުއްދީން ސްކޫލް ބަށްދަލުކުރީ ގާޒީ ސްކޫލްއާއެވެ.  2017 ވަނަ އަހަރުގެ 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ގާޒީއަށް މުބާރަތް ފެށިގެން ދިޔައީ މޮޅަކާއެކުއެވެ. ތާޖުއްދީން ސްކޫލްގެ މައްޗަށް ގާޒީ އިން މިއަދުގެ ހަވީރު މެޗުގައި ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް މުބާރާތުގެ އެންމެ އަވަސް ގޯލް، ރަމުން އަންނަ އުއްމީދީ ކުޅުންތެރިޔާ އަދި ޤައުމީ 15 އަހަރުންދަށުގެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ހުސެއިން އަޒްމޫން އަލީ ވަނީ މެޗު ފެށިގެން 5 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ގާޒީއަށް ލީޑް ނަގާދީފައެވެ. ގާޒީގެ މިފަހަރުގެ ކެޕްޓަންއަކީވެސް އަޒްމޫންއެވެ.

ނަމަވެސް މި ފަހަރު މިއުމުރުފުރާގައި ވަރުގަދަކޮށް ފެންނަ ތާޖުއްދީންއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމަ ހަމަ ކޮށްފައެވެ. 28 ވަނަ މިނެޓްގައި އަބްދުﷲ ރިފްއާން ޖަހައިދިން ގޯލްއިން ތާޖުއްދީން ވަނީ މެޗު އެއްވަރުކޮށް ހަމަޖެހިލާފައެވެ.

ދެޓީމްގެވެސް ކުޅުން ރަނގަޅުކުރުމަށް މެޗު އިންޓަވަލް ގަޑީގައި ކޯޗުންގެ އިރުޝާދުތަކަށްފަހު ދެވަނަ ހާފު ފެށީ ކުރިއަށްވުރެ ތަނގަޅަށެވެ. ނަމަވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ފުރަތަމަ ގޯލެއްޖަހައި މެޗުގެ ކޮންޓްރޯލް އަތުލީ ގާޒީ އިންނެވެ. 35 ވަނަ މިނެޓްގައި މެޗުގައި މޮޅުކުޅުމެއް ދައްކަމުންއައި ގާޒީ ކެޕްޓަން އަޒްމޫން ވަނީ އޭނަގެ ދެވަނަ ގޯލް ކާމިޔާބުކޮށް ގާޒީއަށް ލީޑް އަނބުރާ ހޯދަދީފައެވެ. މެޗުގައި ތާޖުއްދީންއަށް ގޯލް ޖަހާނެ ތަނަވަސް ފުރުސަތުތަކެއް ދެވަނަ ހާފުގައި ލިބިގެންގޮސްފައިނުވެއެވެ. ދެންވެސް މެޗުގައި ގޯލެއްޖަހައި 41 ވަނަ މިނެޓްގައި ގާޒީ އިން ވަނީ ލީޑްފުޅާކޮށްފައެވެ. ގާޒީއަށް 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ލަޔާން އަޙުމަދުއެވެ.

މިމެޗުގެ ނަތީޖާއާއި އެކު ގްރޫޕް އޭގެ  ހުރިހާ ޓީމެއްވެސް އެއް މެޗުކުޅެ ނިމިފައިވާއިރު ތާވަލްގެ އެއްވަނަ ޖަމާލުއްދީންއިން 3 ޕޮއިން އަދި ފައިދާ 4 ގޯލުން ހޯދާއިރު ދެވަނަ ލިބެނީ ގާޒީ އަށެވެ. އެއީ 3 ޕޮއިން އަދި ފައިދާ 2 ގޯލްއިންނެވެ.

މި މުބާރާތުގެ މެޗުތައް މާދަމާވެސް ކުރިއަށްދާނެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބަށްދަލުކުރާނީ ދަރުމަވަންތަ ސްކޫލްއާއި ކ.ގުޅީ ސްކޫލްއެވެ. މިމެޗު ފެށެނީ މެންދުރެފަހު 14:00 ގައެވެ. މާދަމާގެ ދެވަނަ މެޗުގައި ބަށްދަލުކުރާނީ ކަލާފާނު ސްކޫލްއާއި ހިރިޔާ ސްކޫލްއެވެ. މިމެޗު ފަށާނީ ހަވީރު 16:30 ގައެވެ.

މި މުބާރަތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗު ބެލުމަށް ހުރިހާ ފަރާތްތަކަށްވެސް ދަނޑަށް ހިލޭ ވަދެވޭނެއެވެ.

މުބާރާތުގެ މެޗުތަކުގެ ސްކޯރ، ޕޮއިންޓް ތާވަލް އަދި އެންމެ ފަހުގެ ޙަބަރުތައް މުބާރާތުގެ މީޑިއަރ ޕާރޓްނަރ، ބޯޅަ.އެމްވީގެ މޮބައިލް އެޕް އަދި ވެބްސައިޓް އިން ލިބޭނެއެވެ. ބޯޅަ.އެމްވީގެ މޮބައިލް އެޕް މިހާރު ގޫގްލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.

(ފޮޓޯ: އިމޭޖަސް.އެމް.ވީ)

 

އިންޓަރ ސްކޫލް ފުޓްބޯލް

Leave a Comment:

Comments will be published after moderation.