News
އަޝްފާގްގެ ފޭނުންނަށް ހާއްސަ ކޮފީ ކްލަބެއް
1 އޯގަސްޓް 2020
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އަދި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ފޭނުންނަށް ހާއްސަ ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކޮފީ ކްލަބެއް ހުޅުވައިފިއެވެ.
މި ސަސް ކޮފީ ކްލަބު ހުޅުވާފައިވަނީ މައްޗަންގޮޅި، ކާމިނީމަގުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.
ދަގަނޑޭގެ ފޭނުންނަށް ހާއްސަ މި ކޮފީ ކްލަބަކީ ދަގަނޑޭ އާއި އޭނާގެ އެކުވެރިން ހުޅުވި ކެފޭ އެކެވެ.
ކެފޭ ހުޅުއްވާ ދެއްވުމަށްފަހު އާޒިމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ސަސް ކްލަބް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
އާޒިމް ވިދާޅުވީ ކްލަބް ޖަމިއްޔާތަކަށް އަބަދު ސްޕޮންސާއަށް ބަރޯސާ ނުވެވޭނެ ކަމަށާއި މާޗަންޑައިޒް އަކީވެސް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން ސަސް އިން ކޮފީ ކްލަބެއް ހުޅުވުކީ ތަފާތު ފެނިގެން ދާނެ ކަމެއް ކަމަށެވެ.
"މެންޗެސްޓާ ކެފޭ އާއި ލިވަޕޫލްގެ ކެފޭ ހުންނަ ފަދައިން މިއަދު ސަސް ކޮފީ ކްލަބް މިއޮތީ. އެ މީހުން ވެސް ހުރިހާ ވަސީލަތްތައް ފެށުނީ ކުޑަކުޑަ ގޮތަކަށް. އެގޮތަށް މި ކްލަބުން އެޅި މި ފިޔަވަޅަކީ ރާއްޖޭގެ ތާރީހުގައި ރަން އަކުރުން އެޅިގެން ދާނެ ކަމެއް" އާޒިމް ވިދާޅުވިއެވެ.