News
މަހިބަދޫ ވެޓްރެންސް މުބާރާތް: އަމާޒަކީ ރައްޔިތުންގެ ދުޔަހެޔޮކަން
1 އޯގަސްޓް 2020
މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
މަހިބަދޫއަށް ނިސްބަތްވާ މާޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދުﷲ އަބްދުﷲ ފައްޓާ މެޗު ޝަރަފްވެރި ކޮށްދިން މި މުބާރާތުގައި ވާދަކުރަނީ 4 ޓީމަކުންނެވެ.
އެހަތަރު ޓީމަކީ އޭފްސީ ލެޖެންޑް، ލަޔަންސް، ވާނުވާ އަދި ދަ ޖޯލި އެވެ.
މިޓީމުތަކުގައި 2006ވަނަ އަހަރު މަހިބަދޫއަށް ޒޯން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ގިނަ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ކުޅެފައިވާ ބައެއް ކުޅުންތެރިން ވެސް ހިމެނެއެވެ.
މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް ބޯޅައެމްވީ އަށް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ " ރަށަކީ 80ގެ އަހަރުގެތެރެއިންވެސް ފުޓްބޯޅައިގެ ރަށެއް، ގިނަފަހަރަށް 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބޭ، އެފަދަ ފަރާތްތަކަށް ފުރުސަތު ހޯދައިދީ ދުޅަހެޔޮކަންމަތީ ރައްޔިތުން ބޭތިއްބުން" ކަމަށެވެ.
ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކުޅުންތެރިންނަކީ އދ. މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އޭގެ ތެރޭގައި ފީފާ ސެންޗްރީ ކްލަބުގައި ދާދިފަހުން ހިމެނުނު ގައުމީ ގޯލް ކީޕަރ އިމްރާން މުހައްމަދު (އިންމަ) ވެސް ހިމެނެއެވެ. މަހިބަދޫއަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން ނިޔާޒު އަދި އައްސަދުﷲ ފަދަ މޮޅު ކުޅުންތެރިން އުފައްދާފައިވާ ރަށެކެވެ.
މިދިޔަ އަހަރުން ފެށިގެން އީދު ބަންދާއި ދިމާކޮށް ކޮންމެ އަހަރަކު ބާއްވަން ނިންމާފާއިވާ މަހިބަދޫގެ ވެޓެރަންސް މުބާރާތަކީ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާއާއި މިލްކުވާ ތައްޓެއް ދޭ ގޮތަށް ކުރިޔަށްދާ މުބާރާތެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން މިއަހަރު ފައިސާގެ އިނާމެއް ނުދެވޭނެ ކަމަށާ އެހެން ނަމަވެސް ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް މިލްކުވާ ތާއްޓެއް ދެވޭނޭ ކަމަށް ކައުންސިލްގެ ރައީސް ހަލީލް ވިދާޅުވި އެވެ.