News

ރާއްޖޭގައި 'އައިއޯއައިޖީ 2023' ބޭއްވިދާނެ ކަމުގެ ފުރުސަތު ހަނި؟

28 ޖުލައި 2020






ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާނެ ކަމާމެދު ސުވާލު އުފެއްދިއްޖެއެވެ. 

 

މިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް  ވަނީދާދި ފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި  ވާހަކަފުޅު ދައްކަވާފައެވެ.


މަހްލޫފް ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ވަކިވަކި ކަންތައްތަކުގެ ތެރޭގައި  ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހިމެނޭ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 

މިނިސްޓަރ އިޝާރާތް ކުރެއްވީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ.

 

 1979 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ މި ގޭމްސްގައި ބައިވެރިވަމުންނެވެ. އަދި މިދިޔަ އަހަރާއި ހަމައަށް 10 ފަހަރު ރާއްޖެއިން މި މުބާރާތުގައި ވާދަކޮށްފައިވާއިރު 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓް ކުރުމަށް ރާއްޖެއިން ހުށަހެޅި ބިޑް ކާމިޔާބުވެ، މިއީ ދިވެހި ތާރީހުގައިވެސް މުޅިން އަލަށް ރާއްޖެއަށް ފަހިވި ފުރުސަތެކެވެ. 

 

އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވަނީ އެކި އެކި ކުޅިވަރުތަކުން ރަން މެޑަލް އާއި ރަންވަނަތައް ހޯދާފައެވެ. އެހެންކަމުން ރާއްޖޭގައި މި މުބާރާތް ބޭއްވިއްޖެނަމަ ރާއްޖޭގެ އެތްލީޓުންނާއި އެހެނިހެން ކުޅިވަރުތަކުގެ ބައިވެރިންނަށް ރަންވަނަތައް ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. 

 

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ އިރު މިނިސްޓަރ މަހްލޫފް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ކުޅިވަރާއި ގުޅޭ އިތުރު އާ މަޝްރޫއެއްވެސް މިއަހަރު ފެށެން ނެތް ކަމަށެވެ. 

 

އައިއޯއައިޖީއާއި  ގުޅޭ ގޮތުން މިނިސްޓަރ މަހްލޫފް ވިދާޅުވީ "ފެސިލިޓީ ޑިވެލޮޕް ކުރަން އަދި ލޮޖިސްޓިކަލް ބޮޑު ހަރަދެއް ދާނެ،  މިވަގުތު އިގްތިސާދު އޮތް ހާލަތާއި އޮތް ވަގުތަށް ބަލާއިރު ބާކީ އިންނާނީ ދެ އަހަރު. ގޭމްސް ބާއްވާނަމަ މާޗް އެޕްރީލްގައި ބާއްވަން ޖެހޭނެ. އަޅުގަނޑުގެ އިތުރުން ބައެއް އެސޯސިއޭސަންތަކުގެ ވެރިން ވެސް ތިބީ ސުވާލު އުފެދިފަ. މިކަމާއި ގުޅިގެން ގޮތެއް ނިންމާނީ ރައީސް އޮފީހުގައި އޮންނަ ކޮމިޓީއެއްގައި މަސްވަރާ ކޮށްފަ" ކަމަށެވެ.


މިިިިިިިިނިސްޓަރ ވިިިިިިިިދާޅުވީ އަަަަަަަަަަައިއޯއައިޖީ އަަަަކީީ ވަަަރަަަށްް ފޮނި އުންމީދެއްގައި ވަރަށް ބުރަމަސައްކަތް ކޮށްގެން ކާމިޔާބު ވި ބިޑެއް ކަަމަށާ، އެންމެ ބޮޑު އަމާޒަކަށްވީ މިއަހަރުތެރޭގައި މައިގަނޑު ޕްރޮޖެކްޓްތައް ފަށައިގެން ނިންމާލުން ކަަަމަށެވެެ.

 

ކުޅިވަރާއި ބެހޭ ވުޒާރާއަކީ މި އަހަރު ވަރަށް ހަރަކާތްތެރި އަދި ގިނަ ރައްތަކެއްގައި ފުޓްސަލް ދަނޑުތަކާއި ކުޅިވަރާއި ގުޅޭ އެކިއެކި ވަސީލަތްތައް ފަހިކޮށްދިން ވުޒާރާއެކެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި އެކި އެކި ކުޅިވަރުގެ ގައުމީ ޓީމުތަކާއިވެސް ވަރަށް ގާތް ގުޅުމެއް އެ މިނިސްޓްރީން ބާއްވައެވެ.

 

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަންނަ މާލީ ހީނަރުކަމާއެކު މިއަހަރު މިނިސްޓްރީން ކުރިޔަށް ގެންދަން ކަނޑައެޅި ބައެއް ކަންކަން ހާސިލްވާނެ ކަމާއި މެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

 

އެގޮތުންރާއްޖޭން ބޭރަށް ތަމްރީނުތަކަށް ފޮނުވަން ކަނޑައެޅި ކުޅިވަރު ގެ އެކި ދާއިރާތަކުގެ ހުނަރުވެރިންނަށް އެ ފުރުސަތުތައް ދެވޭނެ ކަމާމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.

 



Leave a Comment:

Comments will be published after moderation.