News

ތޮއްޑޫ ފުޓްސަލް ދަނޑު ނިމިއްޖެ

27 ޖުލައި 2020






ކުޅިވަރާ ބެހޭ ވުޒާރާއިން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

 

ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ނަކާ ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކުންނެވެ.

 

ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވާ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްސަލް ދަނޑުގެ އިންތިޒާރުގައި ތޮއްޑޫ ޒުވާނުން ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްވުމުން މާފަށް އެދޭ ކަމަށެވެ.


މިނިސްޓަރ މަހްލޫފްގެ ޓްވީޓުގައި ވަނީ ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތާއި އެރަށު ވޮލީ ކޯޓްގެ ބޭރު ފެންސް ޖެހުމުގެ މަސައްކަތަށް އެރަށުގެ ޒުވާނުންނާ ރަށު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންގެ ދެއްވި އެއްބާރުލެއްވުމަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

 

ފުޓްސަލް ދަނޑުގެ އިތުރުން ތޮއްޑޫ އައުޓްޑޯ ވޮލީ ކޯޓުގެ ބޭރުގައި ފެންސް ޖަހާ ނިންމާފައިވާ ކަމަށާއި 2021 ގައި ރީތި އައުޓްޑޯ ކޯޓަކަށް އެ ވޮލީ ކޯޓު ބަދަލުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ތޮއްޑޫ ފުޓްސަލް ދަނޑު : ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ޓްވީޓް ކުރައްވާފައިވާ ފޮޓޯއެއްއް

 

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންގެ ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވަނީ ތޮއްޑޫ ފުޓްސަލް ދަނޑުގެ މަސައްކަތާއި ވޮލީ ކޯޓުގެ ވަށާފާރު ރޭނުމާއި ބޭރު ފެންސް ޖެހުމުގެ މަސައްކަތް ނިމިފައިވާތީ އެރަށު ޒުވާނުންގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފަށް ޝުކުރު އަދާ ކުރައްވާފައެވެ. 



Leave a Comment:

Comments will be published after moderation.