News
ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމަށް މިފަހަރުވެސް ޗަމްޕީ
27 ޖުލައި 2020
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިހާބު ބާއްވާ އެސޯސިއޭޝަންގެ ރައީސްކަމަށް މިހާރުގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އަނެއްކާވެސް އިންތިހާބުކޮށްފިއެވެ.
ހޮނިހިރު ދުވަހު ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި އިންތިހާބުގައި ތިންވަނަ ދައުރަކަށް ޗަމްޕީ އިންތިހާބު ކުރީ އެ މަގާމަށް އިތުރު ފަރާތަކުން ވާދަނުކުރާތީ ނެގި ފެންނަ ނުފެންނަ ވޯޓަކުން 48 ވޯޓާއެކުއެވެ.
ސްވިމިންގ އެސޯސިއޭޝަންގެ އިންތިހާބުގައި ޖުމްލަ 63 ފަރާތަކުން ވޯޓުލާފައިވާއިރު ސްވިމިންގ އެސޯސިއޭޝަނުން ވަނީ ރައީސްގެ މަގާމަށް ފޯމު ހުށަހެޅި ޒައިދު އަމްޖަދްގެ ފޯމު ބަލައި ނުގަތުމަށް ނިންމާފައެވެ. އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީން އެގޮތަށް ނިންމީ އޭނާ ފޯމު ހުށަހެޅީ މުއްދަތު ހަމަވެފައިވަނިކޮށް ކަމަށް ބުނެއެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ކުރިންވެސް އެމާގާމުގައި ހުރި އިސްމާއިލް އަލީއެވެ. އޭނާ 44 ވޯޓު ހޯދިއިރު އޭނާ އާއި ވާދަކުރި އަހުމަދު ނިޔާޒަށް ލިބުނީ 18 ވޯޓެވެ.
ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި ކޯޗް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރި ތިން މެންބަރުންނަށްވެސް ވޯޓު ލިބުނީ އެއްވަރަށެވެ. އެހެންކަމުން އެސޯސިއޭޝަނުން ނިންމީ އެ މަގާމަށް ފަހުން މެންބަރަކު އިންތިހާބު ކުރާ ގޮތަށެވެ. ކޯޗް ރެޕްރެޒެންޓިވްގެ މަގާމަށް ވާދަކުރީ އަހުމަދު ޒުނައިޖް އާއި މުހައްމަދު ޒާހިދް އަދި މަރިޔަމް ނަފްހާ އަލީ އެވެ.
އިއްޔެގެ އިންތިހާބުގައި ދެން އިންތިހާބުކޮށްފައިވަނީ ކްލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް އިސްމާއިލް ފަރްހާން، ޓެކްނިކަލް މެންބާސް ރެޕްރެޒެންޓޭޓިވްގެ މަގާމަށް އަހުމަދު ރާއިދު އަލީ، އިންޑިވިޑުއަލް މެންބާސް ރެޕްރެސެންޓޭޓިވް (އަންހެން) ގެ މަގާމަށް ރަހީމާ އާދަމް އަދި އިންޑިވިޑުއަލް މެންބާސް ރެޕްރެޒެންޓޭޓިވް (ފިރިހެން) ގެ މަގާމަށް ހަސަން ސިރާރް އެވެ.