News

އިންޓަރ ސްކޫލް: މުބާރާތް ހުޅުވި މެޗުން ޖަމާލުއްދީނަށް މޮޅެއް

26 ފެބްރުއަރީ 2019






މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފެށިއްޖެއެވެ. މިއަދު ފެށިގެން ދިޔައީ މުބާރާތުގެ 15 އަހަރުން ދަށުގެ މުބާރާތެވެ.

މިއަދު މުބާރާތް ހުޅުވި މެޗުގައި މެންދުރުފަހު ބަށްދަލުކުރީ މުބާރާތުގައި އަލަށް ވާދަކުރާ ހުރަވީ ސްކޫލްއާއި ޖަމާލުއްދީން ސްކޫލްއެވެ. ހިތްދަތި ފެށުމެއް ހުރަވީއަށް ލިބުނުއިރު ޖަމާލުއްދީނަށް ލިބިގެންދިއައީ ބޮޑު މޮޅެކެވެ.

މެޗު ފެށިގެންވެސް ޖަމާލުއްދީންއިން ދިޔައީ މޮޅަށްކުޅެ މެޗު ކޮންޓްރޯލްކުރަމުންނެވެ. ނަތީޖާއަކަށްވީ ޖަމާލުއްދީންގެ ފަރާތުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑްނެގުމެވެ. ޖަމާލުއްދީންގެ ކެޕްޓަން ރައުލް އައްސަދު ޖަހައިދިން ގޯލްއިން ޖަމާލުއްދީންވަނީ ކުރި ހޯދާފައެވެ. ހުރަވީ ޓީމުގެ ފަރާތުން ފުރަތަމަ ހާފު ބައިކޮޅަށް އިތުރު ގޯލެއްވަނަ ނުދީ ފުރަތަމަ ހާފު ނިންމާލުމަށް ކުރަމުންދިޔަ މަސައްކަތުގެ ހުރަހަކަށްވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަމާލުއްދީނުން ދެވަނަ ފަހަރަށް ގޯލް ޖެހުމުންނެވެ. މިފަހަރުވެސް ޖަމާލުއްދީންއަށް ގޯލް ކާމިޔާބުކޮށްދިނީ ރައުލްއެވެ. މެންދުރު ފަހުގެ ހޫނުގައި ދަނޑުމަތީގައި ކުޅެމުންދިޔަ މެޗުގެ ފުރަތަމަ ހާފު އިންޓަވަލް އަށް ދިޔައީ ޖަމާލުއްދީން 0-2 ގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއްނުވަނީ ޖަމާލުއްދީން ވަނީ ކައިރި ކައިރީގައި ދެ ގޯލް ޖަހައި މެޗުގެ ލީޑް ބޮޑުކޮށްފައެވެ. ދެވަނަ ހާފުގެ 42 ވަނަ މިނެޓްގައި މުޙައްމަދު އުވެއިސް ގޯލެއް ކާމިޔާބުކޮށްދިން އިރު  46 ވަނަ މިނެޓްގައި އަޙުމަދު ތޯއިން ރިލްވާން ވަނީ ޖަމާލުއްދީންއަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 0-4 އަށް ބަދަލުކޮށްލާފައެވެ. މިމެޗުގެ ނަތީޖާއާއިއެކު ޖަމާލުއްދީން 3 ޕޮއިންޓް އަދި ސާފު 4 ފައިދާ ގޯލްއާއި އެކު ގްރޫޕް "އޭ" ގެ އެއްވަނަ އަށް ޖެހިލާނެއެވެ.

މި މުބާރާތުގެ މެޗުތައް މާދަމާވެސް ކުރިއަށްދާނެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބަށްދަލުކުރާނީ ދަރުމަވަންތަ ސްކޫލްއާއި ކ.ގުޅީ ސްކޫލްއެވެ. މިމެޗު ފެށެނީ މެންދުރެފަހު 14:00 ގައެވެ. މާދަމާގެ ދެވަނަ މެޗުގައި ބަށްދަލުކުރާނީ ކަލާފާނު ސްކޫލްއާއި ހިރިޔާ ސްކޫލްއެވެ. މިމެޗު ފަށާނީ ހަވީރު 16:30 ގައެވެ.

މި މުބާރަތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗު ބެލުމަށް ހުރިހާ ފަރާތްތަކަށްވެސް ދަނޑަށް ހިލޭ ވަދެވޭނެއެވެ.

މުބާރާތުގެ މެޗުތަކުގެ ސްކޯރ، ޕޮއިންޓް ތާވަލް އަދި އެންމެ ފަހުގެ ޙަބަރުތައް މުބާރާތުގެ މީޑިއަރ ޕާރޓްނަރ، ބޯޅަ.އެމްވީގެ މޮބައިލް އެޕް އަދި ވެބްސައިޓް އިން ލިބޭނެއެވެ. ބޯޅަ.އެމްވީގެ މޮބައިލް އެޕް މިހާރު ގޫގްލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.

(ފޮޓޯ: އިމޭޖަސް.އެމް.ވީ)

އިންޓަރ ސްކޫލް ފުޓްބޯލް

Leave a Comment:

Comments will be published after moderation.