News

ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިންގ ޓީމެއް!

23 ޖުލައި 2020






މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން ފުރަތަމަ ފަހަރަށް ބޮޑީބޯޑިންގެ ގައުމީ ޓީމެއް އެކުލަވާލައިފިއެވެ.


އެމްބީބީއޭ އިން ބުނީ ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނެނީ ހަތަރު ބޮޑީބޯޑަރުންނާއި މެނޭޖަރެއް ކަމަށެވެ. ގައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވާލާފައިވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ބޮޑީބޯޑަރުންގެ ރޭންކިންއަށް ބަލައިގެންނެވެ.

 

ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންނަކީ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ)، އަސްވާން މުހައްމަދު (ދޫނި)، އަހުމަދު ނަޒްމީން (ލޯބި)، އަދި އަލީ އާނިމް (ކިރިކާ) އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ހަސަން ނިޒާމް އެވެ.

 

ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނޭ ބޮޑީ ބޯޑަރުންނަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ބޮޑީބޯޑަރުންނެވެ. އެގޮތުން ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު ކުޑަ އައްޔައަކީ ރާއްޖެއާއި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ވަނަ ހޯދާފައިވާ ކާމިޔާބު ބޮޑީބޯޑަރެކެވެ.

 

އޭގެ ތެރޭގައި މިދިޔަ އަހަރު މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލްގައި ކުޑައައްޔަ ވަނީ ބޮޑީބޯޑިންގ ކެޓެގަރީން ރަން މެޑަލް ހޯދާފައެވެ.


އަސްވާންވެސް ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ބޮޑީ ބޯޑަރެކެވެ.


ނަޒްމީ އަކީ މިދިޔަ އަހަރު ބޭއްވި ބޮޑީބޯޑިންގ މުބާރާތުން ވަނަ ހޯދި ބައިވެރިއެވެ. އަދި އާނިމް އަކީވެސް މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ތަފާތު ބޮޑީބޯޑަރެކެވެ.

 

 



Leave a Comment:

Comments will be published after moderation.