News
މާޒިޔާގެ ކޯޗުކަން ނިޒާމްބެ އަށް
22 ޖުލައި 2020
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކޯޗުކަމަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމައްޖައްސައިފިއެވެ.
މާޒިޔާ އާއި އެކު އެއްއަހަރު ދުވަހަށް ހެދި އެއްބަސްވުމުގައި ނިޒާމްބެ ސޮއި ކުރީ މިއަދު ހަވީރު މާޒިޔާ ކްލަބް ހައުސްގައި ބޭއްވި ރައްމިއްޔާތެއްގައެވެ.
ނިޒާމްބެއަކީ ކުރިން ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުކަން ކޮށްދީފައިވާ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. ޓީސީގެ ކޯޗުކަމުން ވަކިވުމަށްފަހު ނިޒާމްބެ ވަނީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަން ކޮށްދީފައެވެ. އެއަށްފަހު ނިޒާމްބެ ވަނީ ބަނގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ ސައިލް ސްޕޯޓިން ކްލަބާއެކު ކުޑަ ދުވަސްކޮޅަކު މަސައްކަތް ކޮށްފައެވެ.
ނިޒާމްބެ އަކީ މިދިޔަ އަހަރު އޭއެފްސީ އޭ ލައިސަންސް ނަގާފައިވާ ކޯޗެކެވެ. ނިޒާމްގެ އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރެއިން ފާހަގަ ކޮށްލެވެނީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމާއި ނިޒާމްބެގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް ޓީސީއަށް ކާމިޔާބުކޮށްދިނުމެވެ.
ނިޒާމްބެ މާޒިޔާއާއި ހަވާލުވީ މާޒިޔާގެ ކުރީގެ ކޯޗު މަރްޖާން ސެކުލޮސްކީގެ ކޮންޓްރެކްޓް ހަމަވުމުން އޭނާގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމުމުންނެވެ. ސެކޮލަސްކީގެ އެއްބަސްވުން އާ ނުކުރީ ކޮވިޑް-19 ގެ ސަބަބުން ކްލަބުތަކަށް ދިމާވެފައިވާ މާލީ ދަތިކަން މާޒިޔާއަށްވެސް ފޯރާފައިވާތީ އެވެ.
ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ބައެއް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ބުނެފައިވަނީ އޭނާގެ އަމާޒަކީ އޭއެފްސީ ކަޕްގައި މީގެ ކުރިން ދިވެހި ޓީމެއް ނުދާ ހިސާބަށް މާޒިޔާ ގެންގޮސްދިނުން ކަމަށެވެ. އަދި މާޒިޔާއާއި އެކު ކުރިޔަށްދާން ނިންމުމަކީ ނިޒާމްބެގެ ކެރިއަރުގައި ދެން އޮތް ހަރުފަތަށްދާން ނެގި މުހިންމު ސްޓެޕެއްކަމަށެވެ.