News
އޭއެފްސީ ގްރޫޕް ސްޓޭޖްގެ މެޗުތައް ހޯސްޓް ކުރާނީ ރާއްޖޭގައި
21 ޖުލައި 2020
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް އެއްދަނޑެއްގައި ކުޅުމަށް ނިންމާފައިވާއިރު ރާއްޖޭގައި މެޗުތައް ހޯސްޓްކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރި ބިޑް ރާއްޖެ އަށް ކާމިޔާބު ވެއްޖެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ އޭއެފްސީ ގްރޫޕް ސްޓޭޖް އީގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށާއި، ﷲގެ ވާގިފުޅާއިއެކު ކާމިޔާބު ކަމާއެކު މިކަން ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޓީމުތައް އޭއެފްސީ ކަޕް 2020ގެ ކުރިޔަށް އޮތް ސްޓޭޖަށް ދާނެ ކަމަށްވެސް އުންމީދު ކުރައްވާ ކަމަށެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އަލުން ފަށާނީ އޮކްޓޯބަރު 23 ގައެވެ. ނޮވެމްބަރު ހަތަރަކާއި ހަމައަށް ގްރޫފް ސްޓޭޖްގެ މެޗުތައް ކުޅެން ނިންމާފައިވާއިރު 13 ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިންމާނެއެވެ.
އޭއެފްސީކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕް އީގައި ރާއްޖެއިން މިއަހަރު ވާދަކުރަނީ ޓިސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗު އޭއެފްސީ އިން ޝެޑިއުލްކޮށްފައި އެއްވަގުތެއްގައި ކުޅުމަށެވެ. އެހެންކަމުން ގަލޮޅު ދަނޑުގެ އިތުރުން އައްޑޫ ސިޓީގެ ފުޓްބޯޅަ ދަނޑުގައިވެސް މެޗެއް ކުޅެން ޖެހޭނެ އެވެ.