News
ދަގަނޑޭގެ ހާއްސަ އިންޓަވިއުއެއް ފީފާގެ ވެބްސައިޓްގައި
21 ޖުލައި 2020
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) ގެ ހާއްސަ އިންޓަވިއުއެއް ފީފާގެ ވެބްސައިޓްގައި ހިމަނައިފިއެވެ.
މިއީ ފިފާއިން ދިވެހި ކުޅުންތެރިޔަކު ފީޗާ ކުރި ފުރަތަމަ ފަހަރެވެ.
ފީފާއިން ބުނެފައިވަނީ ރާއްޖެއަކީ ޓޫރިޒަމްގެ ނަން ހިނގާ މަންޒިލެއް ނަމަވެސް ބައިނަލް އަގްވާމީ ފުޓްބޯޅައިގެ ދާއިރާގައި ކުރިން ދަންނަ ގައުމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓީސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) ގެ ލަނޑު ލިސްޓުގައި ދެވަނައަށް ދަގަނޑޭގެ ނަން އޮވެ ރާއްޖޭގެ ނަން ފާހަގަކުރެވުން އެއީ ލިބުނު ހައިރާން ކަމެއް ކަމަށެވެ.
އެ ލިސްޓުގެ ދެވަނައިގައި ދަގަނޑޭ އޮތި23 ލަނޑު ޖަހައިގެންނެވެ. އެ ލިސްޓުގެ އެއްވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ ދަގަނޑޭއަށްވުރެ އިތުރަށް ދެ ލަނޑު ޖަހައިގެންނެވެ.
ފީފާއިން ބުނީ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ދަގަނޑޭއަކީ އޭޝިއާ ސަރަހަދައް އާ މޫނެއް ނޫން ކަމަށެވެ.
2013 އިން ފެށިގެން ފީފާ ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގައި އޭނާ 14 ގޯލު ޖަހާފައިވާކަން ފީފާ އިން ފާހަގަކޮށްފައިވެއެވެ.
ފީފާއަށް ދިން އިންޓަވިއުގައި ދަގަނޑޭ މައިގަނޑު ގޮތެއްގައި ދައްކާފައިވަނީ އޭނާއަށް ލިބުނު އިންޓަނޭޝަނަލް އޮފާތަކުގެ ވާހަކައާއި ބައެއް ފުރުސަތުތައް ދޫކޮށް ނުލެވުނު ނަމައޭ ބުނާ ވާހަކަތަކެވެ. އަދި ފީފާ ވޯލްޑް ކަޕްގައި ރާއްޖެ ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމުގެ ވާހަކައެވެ.
ދަގަނޑޭ ބުނީ ޔޫރަޕާއި އޭޝިއާއިން އޭނާއަށް އޮފާތައް ލިބުނު ކަމަށާއި، ބެންފިކާގެ ޔޫތް ޓީމުގެ ޓްރަޔަލް އިން 18 އަހަރުގައި އޭނާއަށް އޭރުގެ ދިވެހި ގައުމީ ޓީމުގެ ކޯޗު، ޕޯޗުގަލްގެ މެނުއަލް ގޯމޭޒް ފުރުސަތު ހޯދައިދިން ކަމަށެވެ.
އެއީ އޭނާ ބޭނުން ކުރަން ޖެހޭ ފުރުސަތެއް ކަމަށާއި އޭރު އެފުރުސަތު ދޫކޮށް ނުލިނަމަ މިހާރު ދުނިޔޭގެ މޮޅު ކުޅުންތެރިންނާއި އެކު ކުޅުމުގެ ފުރުސަތު ލިބުނީސް ކަމަށް ދަގަނޑޭ ބުންޏެވެ.
އޭނާ އެފުރުސަތު ދޫކޮށްލީ އޭނާ އެޓީމާ ގުޅޭކަން އިއުލާނު ކުރުމަށް އޭރު އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެހެންނަމަވެސް އެންމެ ފުރަތަމަ އެ ފުރުސަތުގެ ބޭނުން ހިފަން އެއްބަސްވެ ދަގަނޑޭ ޕާކިސްތާނަށް ގޮސް ވިސާވެސް ޖެއްސިއެވެ. އޭގެ ފަހުން އެ ފުރުސަތު ދޫކޮށްލި ދަގަނޑޭ ފަހުންވެސް ވަނީ ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން އޭނާއަށް ލިބުނު ބައެއް އޮފާތައް ދޫކޮށްލާފައެވެ.
ބައިނަލްއަގްވާމީ ކްލަބުތަކުން ލިބުނު ދެ ފުރުސަތެއްގެ ބޭނުންވެސް ހިފިއެވެ. އެއީ 2007 އަދި 2008 ގައި ބުރޫނާއީގެ ޑީޕީއެމްއެމް އެފްސީ އަށް ކުޅުމާއި 2014 އިން 2016 އަށް މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުމަށް ލިބުނު ދެ ފުރުސަތެވެ.
މެލޭޝިއާގެ ޓީމަށް ކުޅުނު ތިން އަހަރުގެ ތެރޭގައި ދަގަނޑޭވަނީ އެގައުމުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި އޭނާ ކުޅުނު ޓީމު މެލޭޝިއާގެ ސްޕަލީގަށް ޕްރޮމޯޓްކޮށްދީ އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓީސްޓިކްސް ގެ ދެވަނައަށް 2013 ވަނަ އަހަރު ދަގަނޑޭ އެރިއިރު އޭނާ ސާޕް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް 10 ލަނޑު ޖަހާދިނެވެ.
އަދި އޭރު ދަނގަޑޭ ކުޅެމުންދިޔަ ކްލަބު ނިއުރޭޑިއަންޑަށް އޭއެފްސީ ކަޕްގެ ކުއާޓާފައިނަލުން ޖާގަ ކަށަވަރުކޮށްދި ދަގަނޑޭ ވަނީ 9 ގޯލު ޖަހާދީފައެވެ.
ދަގަނޑޭ ވަނީ އެއަހަރުގެ ކާމިޔާބީގައި ނިއުގެ ކޯޗު ވެލިޒާ ޕްޕޯފްގެ އެހީތެރިކަމަށް ތައުރީފުކޮށްފައެވެ. އަދި އޭނާއާއި އެކު އެޓީމުގައި ކުޅުނު އެހެން ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. އެއީ ނިއުރޭޑިއަންޑުން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ފަހަރެވެ.
ފީފާއަށް ދިން އިންޓަވިއުގައި ދަނގަޑޭ ބުނީ ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގައި ގައުމީ ޓީމަށް ލަނޑު ޖެހުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އަދި ވޯލްޑްކަޕާއި ގުޅުން ހުރި މެޗުތަކުގައި ވާދަކުރުމަކީ އަބަދުވެސް ހުވަފެނެއް ކަމަށެވެ.
ރާއްޖެ އަކީ ކުޑަގައުމެއް ނަމަވެސް ރާއްޖޭއާއި މެދު އޭނާ ބޮޑެތި ހުވަފެންތައް ދެކޭ ކަމަށާއި ކޮންމެވެސް ދުވަހަކުން ދިވެހި ގައުމީ ޓީމުން ފީފާ ވޯލްޑް ކަޕްގައި ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށްވެސް ދަގަނޑޭ ބުންޏެވެ.
ޕްރެސް ކޮންފަރެންސަކަށް ހާޒިރުނުވުމުން ސަސްޕެންޑް ކުރުމާއި ގުޅިގެން ގައުމީ ސްކޮޑާއި ދުރުގައި ހުރުމަށްފަހު މިދިޔަ އަހަރު ދަގަނޑޭ ވަނީ އަލުން އެނބުރި ގައުމީ ޓީމާ ގުޅިފައެވެ.
ދަގަނޑޭ ބުނީ ކޮލިފައިންގެ ކުރިން ދުރާލާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ފުރުސަތު އެބައޮތް ކަމަށެވެ.
ވޯލްޑްކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ އޮތީ ހަ ޕޮއިންޓާއި އެކު ގްރޫޕް އޭގެ ހަތަރުވަނައިގައެވެ.