News
އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުކަމުން ޒިދާން ނުފެނިދާނެ!
19 ޖުލައި 2020
ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި އަންނަ ސީޒަނުގައި ނުފެނިދާނެ ކަމަށް އެޓީމުގެ ކޯޗް ޒިނެދިން ޒިދާން ބުނެފިއެވެ.
34 ވަނަ ފަހަރަށް ރެއާލް އަށް ސްޕެނިޝް ލީގު ކާމިޔާބުކޯށްދިން ކޯޗު ޒިދާން ބުނީ ރެއާލްގެ ކޯޗުގެ މަގާމުގައި ހުރުމަކީ ބޮޑު ޕްރެޝަރެއް ކަމަށެވެ. އަދި ކުރިމަގުގައި ވާނެގޮތެއް ނޭންގޭ ކަމަށާއި، ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް އޭނާ ކޯޗުގެ މަގާމުން ދުރުކުރުން އެކަށީގެން ވާ ކަމަށް ޒިދާން ބުންޏެވެ.
ޒިދާން ގިނަ ދުވަސްތަކެއް ވަންދެން ރެއާލްގެ ކޯޗުގެ ގޮތުގައި ނުފެނިދާނެ ކަމަށް އޭނާ ބުނިނަމަވެސް އެޓީމުގެ މެނޭޖްމެންޓުންނާއި ކުޅުންތެރިންގެ ފަރާތުން ޒިދާނަށް ވަރަށް ބޮޑަށް ތައުރީފް ލިބެއެވެ.
ޒިދާން އާއި ބެހޭ ގޮތުން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ ޓީމުގެ އެންމެ ކާމިޔާބު ކޯޗަކީ ޒިދާން ކަމަށެވެ. ރެއާލްގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ރައިސްކަމުގެ މަގާމުން ދުރުވާއިރު އެންމެ ގިނަ މީހުން އޭނާ ދަންނާނީ އެޓީމުގެ އެންމެ ކާމިޔާބު ކޯޗު ޒިދާންގެ ސޮއި ހޯދި މީހާގެ ގޮތުގައި ކަމަށެވެ.
މި ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒިދާންގެ ބެލުމުގެ ދަށުން ރެއާލް އިން ވަނީ 11 ތަށި ހޯދާފައެވެ.
ޒިދާން ރެއާލްގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ 2016 އިން 2018 އާއި ހަމަށެވެ. އެ މުއްދަތުގައި ޖެހިޖެހިގެން ތިން ފަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ޒީދާން ރެއާލް އާއި ދުރަށް ދިޔައެވެ. ދެވަނަ ފަހަރަށް ޒިދާން ރެއާލް އާއި ހަވާލުވީ 2019ގެ މާޗްގައެވެ. އެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.
ޒިދާން ބުނީ އޭނާގެ ކޮންޓްރެކްޓެއް އޮތް ނަމަވެސް ވާނެ ގޮތެއް ނޭންގޭކަމަށާއި އެއްރެއިންވެސް ގިނަ ކަންކަން ބަދުލުވާ ކަމަށެވެ. އަދި ފުޓްބޯޅައިގައި ވާނެ ގޮތެއްގެ ޔަގީންކަން އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ.
ޒިދާން ރެއާލް އާއި އެކު އޭނާގެ ކުރިމަގު އޮތްގޮތް ހާމަކޮށްދެމުން ބުނީ ލަލީގާ އާއި ހަމައިން ރެއާލަށް ނިމުނީ ނޫންކަމަށާއި، ރެއާލްގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށެވެ. އަދި ރެއާލްގެ މިހާރުގެ ސްކޮޑަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ޒިދާން ބުންޏެވެ.