News

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުޅުމަށް ބިޑްކޮށްފި

18 ޖުލައި 2020






އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޓީމުތައް ހިމެނޭ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ބިޑް ކޮށްފިއެވެ.

 

ރާއްޖޭގައި މެޗުތައް ބޭއްވުމަށް އެފްއޭއެމް އިން ބިޑްކުރި އިރު އޭއެފްސީ ނިންމާފައިވަނީ ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅުމަށެވެ.

 

އެއްދަނޑެއްގައި މެޗުތައް ކުޅުމަށް ނިންމާ އޭއެފްސީން ވަނީ ގުރޫޕް ސްޓޭޖްގެ މެޗުތައް ހޯސްޓްކުރުމަށް މެންބަރު ގައުމުތަކަށް ފުރުސަތު ހުޅުވާލާފައެވެ. މެޗުތައް ބޭއްވުމަށް ބިޑް ކުރުމުގެ މުއްދަތު ހަމަވެފައިވަނީ ހުކުރު ދުވަހުގެ ނިޔަލަށެވެ.

 

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ބޭއްވުމަށް ރަސްމީކޮށް ބިޑްކޮށްފައިވާ ކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިކަމުގައި ސަރުކާރާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ދިން އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.



ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އަލުން ފަށާނީ އޮކްޓޯބަރު 23 ގައެވެ. ނޮވެމްބަރު ހަތަރަކާއި ހަމައަށް ގްރޫފް ސްޓޭޖްގެ މެޗުތައް ކުޅެން ނިންމާފައިވާއިރު 13 ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިންމާނެއެވެ. 

 

އޭއެފްސީކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ރާއްޖެއިން މިއަހަރު ވާދަކުރަނީ ޓިސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

 

ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗު އޭއެފްސީ އިން ޝެޑިއުލްކޮށްފައި އެއްވަގުތެއްގައި ކުޅުމަށެވެ. އެހެންކަމުން ރާއްޖޭގައި މެޗުތައް ބާއްވަން ނިންމައިފިނަމަ ގަލޮޅު ދަނޑުގެ އިތުރުން އައްޑޫ ސިޓީގެ ފުޓްބޯޅަ ދަނޑުގައިވެސް މެޗެއް ކުޅެން ޖެހޭނެ އެވެ.

 



Leave a Comment:

Comments will be published after moderation.