News
އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު މިމަހު 29 ގައި
18 ޖުލައި 2020
އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު މިމަހުގެ 29 ގައި ބާއްވަން ނިންމާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ނިޔަލަށެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމު ތަކަކީ ރައީސް، ނާއިބު ރައީސް، ހަޒާންދާރު، ތިން މެންބަރުން އަދި އަންހެން މެންބަރެއްގެ މަގާމެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަކީ މުހައްމަދު ތޮލާލެވެ. މީގެ ކުރިން އެސޯސިއޭޝަންގެ ފުރަތަމަ ރައީސްގެ ގޮތުގައި 2008 އިން ފެށިގެން 2012 އާއި ހަމައަށް އެސޯސިއޭޝަން ހިންގެވީ މައިޒާން އަލިމަނިކު (އަލިބެ) އެވެ.
ރާއްޖޭގެ އެތުލީޓުން ވަނީ ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމުގައިވާ ސައުތު އޭޝިއަން ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިންވެސް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ މިމަހުގެ 29 ގައި އާ އިންތިހާބެއް ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަޔަކަށް އެދިފައެވެ.