News

ތާޖުއްދީން 15 އަހަރުންދަށް ނިކުންނާނީ އަރަމުން އަންނަ ޒުވާން ކޯޗް އަރީފް އާއި އެކު

24 ފެބްރުއަރީ 2019






މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރަތް މާދަމާ ފެށޭނެއެވެ. މާދަމާ ފެށިގެންދާނީ 15 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތެވެ. މުބާރާތުގެ ހުޅުވާ މެޗުގައި ބަށްދަލުކުރާނީ ހުރަވީ ސްކޫލްއާއި ޖަމާލުއްދީން ސްކޫލެވެ. ހުރަވީ ސްކޫލްއަކީ މިއަހަރު އަލަށް ހުޅެވި ސްކޫލްއެކެވެ. އަދި މިއަހަރުގެ މުބާރާތް ވެގެންދާނީ ހުރަވީގެ އަލަތު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތަށެވެ. މާދަމާގެ ދެވަނަ މެޗުގައި ބަށްދަލުކުރާނީ ތާޖުއްދީން ސްކޫލްއާއި ގާޒީ ސްކޫލެވެ.

ތާޖުއްދީން ސްކޫލްގެ 15 އަހަރުން ދަށުގެ ޓީމް މިފަހަރު ނިކުންނާނީ ފާއިތުވި ދެ އަހަރުވެސް އެ ޓީމަށް އިރުޝާދުދިން އަރަމުން އަންނަ ޒުވާން ކޯޗް، މުޙައްމަދު އަރީފް (އަރިއްޕެ) ގެ އިރުޝާދުގެ ދަށުންނެވެ. އަރީފް އަކީ އޭ.އެފް.ސީ "ސީ" ލައިސަންސް ހާސިލްކޮށް މާޒިޔާ އެކަޑެމީގައި ޔޫތް ޑިވޮލޮޕްމަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކޯޗެކެވެ. މިދިޔަ އަހަރު އެފް.އޭ.އެމް އިން އަލަށް ތަޢާރަފްކޮށް ކާމިޔާބުކަމާއިއެކު ނިންމާލި "13 އަހަރުންދަށުގެ ޔޫތް ލީގް" ގައި މާޒިޔާ އެކަޑެމީ ޓީމަށްވެސް އަރީފް ވަނީ އިސްކޮށްހުރެ އިރުޝާދުދިނުމުގައި ހަރަކާތްތެރިވެފައެވެ. އެފް،އޭ.އެމް އިން ދާދިފަހުން ނިންމާލި އެންމެ ފުރަތަމަ "ޔޫތް ކޮންފަރެންސް"ގައިވެސް އަރީފް ވަނީ ބައިވެރިވެފައެވެ.

ބޯޅަ.އެމްވީ އާއި ވާހަކަދައްކަމުން އަރީފް ބުނީ ފާއިތުވި އަހަރުތަކުގައި ކުރެވިފައި ހުރި މަސައްކަތްތަކުން އިބްރަތްލިބިގަންނަކަމަށެވެ. " މިއަހަރު އިރާދަކުރެވިއްޔާ ތާޖުއްދީނާއި އެކު މުބާރަތް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް އުއްމީދާއިއެކު މި މަސައްކަތްކުރަނީ. އެންމެ ފަހުގެ 2 މުބާރާތުންވެސް ތާޖުއްދީން ވަނީ ސެމީ ފައިނަލްގައި ބަލިވެފަ. އިރާދަކުރެވިއްޔާ މިފަހަރުމީ ކާމިޔާބު އަހަރަކަށްވާނެ." އަރަމުން އަންނަ ޒުވާން ކޯޗް، އަރީފް އުއްމީދުގައި ހުރެ މާދަމާ ފަށާ އިންޓަރ ސްކޫލް މުބާރާތާއިމެދު ދެކޭގޮތް ހިއްސާކުރަމުން ބުންޏެވެ.

މިއަހަރުގެ އިންޓަ ސްކޫލްގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 16 ސްކޫލްއަކުން ވާދަކުރާނެއެވެ. 4 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައިވެސް 4 ޓީމް ހިމެނޭނެއެވެ. މިމުބާރާތުގެ މެޗުތައް ކުރިއަށްދާނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗުތައް ބަލަށް ހިލޭ ވަދެވޭގޮތަށް އެފް.އޭ.އެމް އިންވަނީ ހަމަޖައްސާފައެވެ.

އިންޓަރ ސްކޫލް ފުޓްބޯލް

Leave a Comment:

Comments will be published after moderation.