News

ފޯކައިދޫ އިން ވިދާލި އޮގީ ގްރީން އަށް

12 ޖުލައި 2020






.ށ. ފޯކައިދޫ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) އެ ކްލަބު ދޫކޮށް ކްލަބް ގްރީން ސްޓްރީޓާއި ގުޅިއްޖެއެވެ.


އޮގީ ގްރީންއަށް ސޮއިކޮށްފައިވާކަން ގްރީންގެ އޮފިޝަލަކު ވަނީ ބޯޅައެމްވީއަށް ކަށަވަރުކޮށްދީފައެވެ. ފޯކައިދޫއަށް ކުޅުނު އިރު އޮގީ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެފްއޭއެމުން ހޮވި 2018 ވަނަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލްކޮށްފައެވެ.


މިދިޔަ ސީޒަނުގައި އޮގީގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާ އަކާއި ގުޅިގެން އޭނާ ހުރީ ކުޅުމާއި ދުރުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ މިހާރުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން އޮގީ ވަނީ އުމުރުން އެންމެ 16 އަހަރުގައި ބީޖީއަށް ކުޅެފައެވެ. އޭގެ ފަހުން އޭނާ ވަނީ އީގަލްސްގެ ޒުވާން ޓީމަށްވެސް ކުޅެފައެވެ.


އޮގީ އެންމެ ބޮޑަށް ފާހަގަވާން ފެށީ ފޯކައިދޫ އެފްސީ ޓީމުގައި 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭރު އޮގީއަށް އިރުޝާދުދެމުން އައީ ފޯކައިދޫ އެފްސީގެ އޭރުގެ ކޯޗު އަލީ ނިސްތާރު މުހައްމަދެވެ. 

 

އދ. ހަންޏާމީދޫއަށް ނިސްބަތްވާ އޮގީއަކީ ފޯކައިދޫ ޓީމުގެ ވައިސް ކެޕްޓަންއެވެ. އޮގީ ވަނީ ފޯކައިދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކާ އެޓީމަށް ކުރިއެރުންތައް ހޯދާދީފައެވެ. ފޯކައިދޫގެ ގިނަ މެޗުތަކުގައި އޮގީ ވަނީ ފުރަތަމަ 11 ގައި ކުޅެފައެވެ. އަދި ބައެއް މެޗުތަކުގައި ކެޕްޓަންކަންވެސް ކުރިއެވެ.

 

އޮގީއަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑްގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ސީނިއާ ޓީމުގައިވެސް އޮގީ ހިމެނުނެވެ.

 



Leave a Comment:

Comments will be published after moderation.