News
އެފްއޭއެމް އާ ހަނގުރާމަކުރަން އުޅެގެން ކުރިވަރެއް ކުރިއެއް ނޭރުވޭނެ: މަހްލޫފް
8 ޖުލައި 2020
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހަނގުރާމަ ކުރަން މިނިސްޓްރީން އުޅެފިނަމަ ކުޅިވަރު ކުރިއެރުވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، އެފްއޭއެމް ސަސްޕެންޑް ކުރާވަރުގެ ކަމެއް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުންވެސް ކޮށްގެން ނުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވީ އެފްއޭއެމްގެ އިންތިހާބާއި ދިމާކޮށް އެ އިދާރައަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ ދިރާސާ ކުރައްވާ މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކްލަބުތަކުން ވޯޓުދީގެން އެފްއޭއެމްގެ އިންތިހާބު ބާއްވާ ފީފާ އާއި އޭއެފްސީން އިންތިހާބު ބަލައިގެންފައިވަނިކޮށް، ސަރުކާރުން އިންތިހާބު ބަލައިނުގަތުމަށް ނިންމައިފިނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށެވެ. އެހެންކަމުން ފުޓްބޯޅައަށް ގެއްލުންވާނެ އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި އެފްއޭއެމްގެ އިންތިހާބަށް ގޮވާލީމަ ވާދަކުރާނެ މީހެއް ކުރިމަތި ނުލާ ގާނޫނީ ސަރުކާރެއްގެ މިނިސްޓަރެއްގެ އަރިހުގައި އިންތިހާބު ހުއްޓުވަން އެދުމަކީ ރީތި ކަމެއްވެސް ނޫން ކަމަށް މަހްލޫފް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މެންބަރު އާޒިމް ފިޔަވާ އިތުރު ފަރާތަކުން އެފްއޭއެމްގެ އިންތިހާބާއި ގުޅިގެން މިނިސްޓްރީއަށް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
މަޖިލީހަށް މެންބަރު އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ އެފްއޭއެމް ހިންގުމުގައި ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ ކަމުގެ އިންޒާރުދީފައެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވަން މިނިސްޓްރީން އުޅެފިނަމަ ނުވަތަ އެތަނުގައި ތިބޭ ބަޔަކާއި ހަނގުރާމަކުރަން މިނިސްޓްރީން އުޅެގެން ކުޅިވަރު ކުރިއެރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އެފްއޭއެމްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެހެންނަމަވެސް ކްލަބުތަކުން އެކަން ރަނގަޅު ކުރަން ބޭނުން ނުވަންޏާއި އެކަމެއް ނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސްކަންވެސް ކުރައްވާފައިވާ މެންބަރު އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް މިއަދު މިނިސްޓަރ މަހްލޫފް ވިދާޅުވީ އެ ކޮމިޓީގެ އެދުމަކަށް އެފްއޭއެމްގެ އިންތިހާބު ފަސްކުރުވި ނަމަ އެކަމުގައި ކުށްވެރިވާނީ އޭނާ އާއި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.