News
އެފްއޭއެމްގެ އިންތިހާބީ މެންބަރުންނަށް އޭއެފްސީ އިން މަރްހަބާ ކިޔައިފި
6 ޖުލައި 2020
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން 2 ޖުލައި 2020 ގައި އިންތިހާބު ބާއްވާ އާ ދައުރަކަށް އެ އެސޯޝިއޭޝަންގެ ރައީސް އާއި އެކްޒެކެޓިވް މެންބަރުން އިންތިހާބުކޮށްފައިވާތީ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަރާތަކަށް މި ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން މަރްހަބާ ކިޔައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އިންތިހާބުވީ އެކްޒެކެޓިވް މެންބަރުންނަށް އޭއެފްސީ އިން މަރުހަބާ ކިޔާފައިވަނީ ބައްސާމް އާއި ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒް އަށް 6 ޖުލައިގައި ވަކި ވަކި ފޮނުވި ދެ ސިޓީއެއްގައެވެ.
އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އެފްއޭއެމްގެ ރައީސް އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ 2020-2024 އާއި ހަމައަށް އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަލުން އިންތިހާބުކޮށްފައިވާތީ އޭނާއަށް މަރްހަބާ ކިޔާ ކަމަށެވެ.
އަނެއްކާވެސް އާ ދައުރަކަށް ބައްސާމް އިންތިބާހުވިކަމީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި ބައްސާމްގެ ހިންގުންތެރިކަމާމެދު އެފްއޭމްގެ މެންބަރުން ކުރާ އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް އޭއެފްސީގެ ރައީސް ބައްސާމަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އެފްއޭއެމް ހިންގުމުގައި ބައްސާމް ކުރައްވާ މަސައްކަތަށް އޭއެފްސީ ފުރިހަމައަށް ސަޕޯޓްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެސިޓީގައިވެއެވެ.
ޖެނެރަލް ސެކެއްޓްރީކަމަށް އަނެއްކާވެސް ޖަވާޒް ހަމަޖެހިފައިވާތީ އޭނާއަށް މަރްހަބާ ކިޔާ ކަމަށާއި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް އޭއެފްސީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ އޭއެފްސީ އިން އެފްއޭއެމްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރާ މަސައްކަތުގައި ސަޕޯޓް ދޭނެ ކަމަށެވެ.
އެފްއޭއެމްގެ އެކްޒެކެޓިވް މެންބަރުން:
ރައީސް: ބައްސާމް އަދީލް ޖަލީލް
ސީނިއާ ނާއިބު ރައީސް: އަލީ އުމަރު
ނާއިބު ރައީސް: ހުސެއިން ޝާފިއު
މެންބަރުން: އަހުމަދު ޝަކީބް (ޑޮކް)
މުއާވިޔަތު ހަލީލް
މުފާވިޒް ހާޝިމް
އަހުމަދު ނަޝީދު (ޑޭވް)
އައިމިނަތު ޝާނީޒް
މުހައްމަދު ޝިފާއު