News
ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން ފީފާ ސެންޗްރީ ކްލަބަށް!
5 ޖުލައި 2020
ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު ފީފާ ސެންޗުރީ ކްލަބުގައި ހިމެނިއްޖެއެވެ.
ދިވެހި ފުޓްބޯޅައިގެ ފަހުގެ ތާރީހުގައި ގައުމީ ޓީމުގެ 100 މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓާދިން އިމްރާން ފީފާ ސެންޗުރީ ކްލަބުގައި ހިމެނިފައިވާއި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑާއަކީވެސް ފީފާ ސެންޗުރީ ކްލަބުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ބެލެވޭ ކީޕަރު އިމްރާން މި ލިސްޓުގައި ހިމެނުނީ ރަސްމީ 100 މެޗު ގައުމީ ޓީމަށް ކުޅެދީފައިވާތީއެވެ. މަހިބަނދޫއިން ވިދާލި ފުޓްބޯޅަ ތަރި އިމްރާން ވަނީ މެދުނުކެނޑި 17 އަހަރު ގައުމީޓީމުގެ ގޯލު ބަލަހައްޓާދީފައެވެ.
އިމްރާން ވަނީ "އޭ" ލެވެލްގެ ބައިނަލްއަގްވާމީ 100 މެޗުގައި ކުޅެފައެވެ. އޭނާއަކީ ފީފާގެ ސެންޗުރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ.
ގައުމީ ޓީމުގެ ގޯލް ކީޕަރުންތަމްރީނުކުރާ ކޯޗިން ޓީމުގައި މިވަގުތު މަސައްކަތް ކުރާ އިމްރާން ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާ ރަސްމީކޮށް ގައުމީ ޓީމުން ރިޓަޔަރވެފައެވެ. މީގެ ދެ އަހަރު ކުރިން އުމުރުން 38އ ގައި ފުޓްބޯޅަ ކުޅުން ހުއްޓާލި އިރު އިމްރާން ހުރީ ޓީސީ ސްޕޯޓްސް ކްލަބުގައެވެ. އޭގެ ކުރިން އޭނާ ހުރީ ނިއުރޭޑިއަންޓް ސްޕޯޓްސްގައެވެ.
ގައުމީ ޓީމަށް ރަންވަނަތަކެއް ހޯދާދީ ސާފް ޗެމްޕިއަންޝީފް ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދިން ޓީމުގެ ކީޕަރު އިމްރާނަށް ބޯޅަ އެމްވީއިން އަބަދުވެސް ކާމިޔާބީއަށް އެދެމެވެ. އަދި ފީފާ ޗެންޗުރީ ކްލަބުގައި ހިމެނުނު ފަހްރާއި ޝަރަފު ހޯދީތީ މަރުހަބާ ކިޔަމެވެ.