News

ދިވެހި ފުޓުބޯޅައިގައި މާޅޮހުގެ ހިއްސާ

24 ފެބްރުއަރީ 2019






ދިވެހި ފުޓުބޯޅައިގައި މާޅޮހަކީ އެރަށެއްގެ އަޑު އެންމެ ގިނައިން އިވޭނެ އެއްރަށެވެ. ފުޓުބޯޅައިގެ ރަން އަދި ޒުވާން ތަރިން އުފަންކޮށްދެމުން އަންނަ މިރަށަކީ ރަށު ފެންވަރުގައިވެސް ފުޓުބޯޅައިގެ ހަރަކާތްތައް ހިންގާ ރަށެކެވެ.

ދާދިފަހުން އެރަށު ސްކޫލުންވަނީ އިންޓަރ ހައުސް މުބާރާތެއް ބާއްވާފައެވެ. ވަރަގަދަ ޔާގޫތުވަނީ މުބާރާތުގެ ތިން ގިންތި ކަމަށްވާ ނާސަރީ، ޖޫނިއަރ އަދި ސީނިއަރގެ ތަށި އުފުއްލާލާފައެވެ. މުޅިއަކު ގާތްގަނޑަކަށް 80 ކުދިން ތައުލީމު ހާސިލްކުރަމުން އަންނަ މާޅޮހު ސްކޫލްގެ ގާތްގަނޑަކަށް ފަންސާހަކަށް ދަރިވަރުން ފުޓުބޯޅަ ކުޅެއެވެ. އެސްކޫލަކީ އެއަތޮޅުންވެސް ފުޓުބޯޅައަށް އެންމެ ފޯރިހިފާފައިވާ ސްކޫލް ހިމެނޭ ރަށެވެ.

ދިވެހި ޕްރިމިއަރ ލީގަށް މާޅޮސް ޓީމް ކޮލިފައިވީ 2017ވަނަ އަހަރުގައެވެ. އެ ސީޒަންގައި މޮޅުކުޅުމެއް ދައްކާ ގަދަފަދަ ގްރީން ސްޓްރީޓްސްވެސް ބަލިކުރި ނަމަވެސް ޖެހިގެން އައި ސީޒަނަށް ދިވެހި ޕްރިމިއަރ ލީގަށް މާޅޮސް ކޮލިފައިއެއް ނުވިއެވެ. ފުރަތަމަ ކޮޅު ގްރޫޕްގެ އެއްވަނައިގައި އޮތް ނަމަވެސް ފަހުމެޗުގައި ފެހެންދޫއާ ކުޅެގެން ވީ ބަލީގެ ސަބަބުންނެވެ.

ފަހުގެ ތާރީޚު ދެކުން މޮޅެތި ކުޅުންތެރިންގެ ތެރޭގައި މާޅޮހުން އުފެއްދި ޒުވާން ތަރިން ހިމެނެއެވެ. އެގޮތުން ކެޕްޓަން އިބްރާހިމް ނާއިފް، އަލީ ނާއިޒް، އަހްމަދު އާރިފް (އާރި) ހިމެނެއެވެ. އާރިވަނީ މިދިޔައަހަރު ޓީސީއަށް ކުޅެފައެވެ. ނާއިފްވަނީ ދިފާއީ ދައުރެއް ޓީމްގެ މެދު ތެރޭގައި އަދާކުރަމުން 2017ވަނަ އަހަރުގެ ޕްރިމިއަރ ލީގުގައި 3 ގޯލް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާވަނީ ކުޑަދުވަސްކޮޅަކަށް ނިއުއާވެސް ގުޅިފައެވެ. ނާއިޒްވަނީ އީގަލްސްއަށް 2014ގައި ކުޅެފައެވެ. ނިމިދިޔަ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ތަށި އުފުއްލާލި އީގަލްސްގެ ބަދަލު ކީޕަރ ގޮތުގައިވެސް ހުރީ މާޅޮހުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ މުހައްމަދު ޔާމީނެވެ. ކްލަބް ވެލެންސިއާއިން ވަނީ 2017ވަނަ އަހަރު މާޅޮހު ކީޕަރަކަށްހުރި އިބްރާހިމް ޒަމީރު (އިބޫ) އެޓީމަށް ގެންގޮސްފައެވެ. އަދި ކީޕަރ އަހްމަދު ހަމްދޫން (ހަމްޓީ) ވަނީ ފޯކައިދޫއަށް ސޮއިކޮށްފައެވެ.

މާޅޮހުގެ ދެ ކުޅުންތެރިން މިވަގުތު 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ފަރިތަކުރަމުން އެބައާދެއެވެ. އެއީ ޔޫތު ޗެމްޕިއަނޝިޕްގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑް ވިކްޓަރީގެ އަލީ ފަލާހް އަދި ފޯކައިދޫ ޓީމަށް ކުޅުނު އަހްމަދު ފާރިސް (ކޫކު)އެވެ. އަށްސަތޭކައަށްވުރެ މަދު އާބާދީއެއް އޮންނަ ރަށަކާ ބަލާފައި މާޅޮހުން ދިވެހި ފުޓުބޯޅައަށް ކުރާ ހިދުމަތަކީ ފާހަގަނުކުރެވި ދާނެކަމެއް ނޫނެވެ. ހަސަން ފުއާދު (ޖެކް) މާޒިޔާގެ 21 އަހަރުން ދަށުގެ ޓީމަށް 2017ވަނަ އަހަރު ކުޅުންއިރު 2017ގެ ސީޒަންގައި މާޅޮހަށް ޕްރިމިއަރ ލީގުގައި ކުޅުނު އާދަމް ސާޖިދަކީ ހުރާގެ ރަނދުވަސްވަރު އެޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

ފޯކައިދޫއަށް ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ އަހްމަދު އަމްޖަދަކީވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން 2017ވަނަ އަހަރު ޕްރިމިއަރ ލީގު ކުޅުން މާޅޮސް ޓީމްގެ އިތުރުން 2013ވަނަ އަހަރު އޭނާވަނީ ވީބީއަށްވެސް ފުރާވަރު އުމުރުގައި ކުޅެފައެވެ. ފޯކައިދޫއަށް ކުޅެމުން އަންނަ ވަޖީހު އާއިލާގެ ދެބެން ކަމަށްވާ އަހްމަދު ވަޖީހާއި އިސްމާއިލް ވަޖީހަކީ ޒުވާން އުމުރުގައި ޖޫނިއަރ ލެވެލްގައި ޤައުމު ތަމްސީލްކޮށްފައެވެ.

2017ވަނަ އަހަރަކީ މާޅޮހަށް ފުޓުބޯޅައގައި ފާހަގަ ކޮށްލެވޭ އަހަރެކެވެ. އެގޮތުން އެއަހަރުގެ ރާއްޖޭގެ އެންމެ މޮޅު ސަޕޯޓަރުންގެ ގޮތުގައި ހޮވޮފައިވަނީ މާޅޮހުގެ ސަޕޯޓަރުންނެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ކޮޅަށް ދެ ޑިފެންޑަރުން ކެޓުވުމަށްފަހު އިމްރާން ކަޓުވާލާ އާރި ޖެހި ގޯލްވަނީ ސީޒަންގައިޖެހި އެންމެ މޮޅު ގޯލްގެ އެވޯޑަށް ވާދަކޮށްފައެވެ.

އުންމީދަކީ މިފަދަ ރަށްތައް ދިވެހި ފުޓުބޯޅައިގައި ގިނަވުމެވެ. ޒުވާން ފުޓުބޯޅައިގެ ބަތަލުން ގިނައިން އުފެއްދުމެވެ.

Maalhos Sports Club Towards Future

Leave a Comment:

Comments will be published after moderation.