News
ޖަރުމަނު ޔުނިވަސިޓީއެއްގެ ކޯޗިން ކޯހުގެ އެމްބެސެޑަރަކަށް ޝާކިއްޓެ
4 ޖުލައި 2020
ޖަރުމަނުވިލާތުގެ ލިޕްޒިގް ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ)ގެ އެމްޒެޑަރުކަން ރާއްޖޭގެ ކޯޗެއް ކަމުގައިވާ އަހުމަދު ޝާކިރު (ޝާކިއްޓެ) އަށް ދީފިއެވެ.
މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީން ފަހިކޮށްދިން ފުރުސަތެއްގައި 2014 ވަނަ އަހަރު ލިޕްޒިގް ޔުނިވަސިޓީގެ އައިސީސީ އިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ޝާކިއްޓެއަ މިޝަރަފު ލިބިފައިވާއިރު މިއީ ޖަރުމަނުގެ ފުޓްބޯޅައިގެ މައި އިދާރާއިން "އޭ ލެވެލް" ގައި ގަބޫލު ކުރާ ސެޓްފިކެޓެކެވެ.
އޮލިމްޕިކް ކޮމިޓިން ވަނީ މި ކާމިޔާބީއަށް ޝާކިއްޓެއަށް މަރުހަބާ ކިޔާފައެވެ. އައިއައިސީގެ އެމްބެސެޑަރުކަން ޝާކިއްޓެއަށް ލިބުމާއި ގުޅިގެން އޮލިމްޕިކް ކޮމިޓީން ބުނީ މި ލިބުނު ރޯލުގެ ސަބަބުން ދިވެހި ކުޅިވަރަށް ފަދާ ކުރާނެ ކަމަށާއި، ލިޕްޒިގް ޔުނިވަސިޓީއާއި ދިވެހި ކޯޗުންގެ މެދުގައި އޮތް ގުޅުންވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކޭކަމަށެވެ. ޝާކިއްޓެއަކީ އެ ޔުނިވަސިޓީން ތަމްރީނާ ތައުލީމް ލިބުމުގެ ފުރުސަތު ފަހިވި މަދު ދިވެގިންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ.
10 އަހަރުވަންދެން އީގަލްސްއަށް ކުޅުނު ފުޓްބޯޅަ ކުޅުންތެރިޔާ ޝާކިއްޓެއަކީ 2018 ގައި އެފްއޭއެމްއާއި ގުޅުނު ޒުވާން ކޯޗެކެވެ. 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދީފައިވާ ޝާކިއްޓެ އަކީ 2018 ވަނަ އަހަރު މާޗްގައި ގައުމީ ޓީމްގެ އޭރުގެ ކޯޗް ޕީޓަ ސެގާޓްގެ އެސިސްޓެންޓްގެ ރޯލު އަދާކޮށް 2018 ގައި ސާފް ސުޒުކީ ކަޕްގެ ތަށި 10 އަހަރުފަހުން ރާއްޖެއަށް ގެނެސްދިން ޓީމުގައި ހިމެނޭ މުހިންމު ރޯލެއް އަދާކުރި ތަޖްރިބާކާރު ކޯޗިން ސްޓާފެކެވެ.
އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ގެނައި ބަދަލާއި އެކު ޝާކިއްޓެއަށް ވަނީ ގައުމީ ޓީމުގައި ކުރިން އަދާކުރި މަގާމާ ދުރަށްދާން ޖެހިފައެވެ.
ޝާކިއްޓެގެ މަސައްކަތް ބޮޑަށް ފާހަގަ ކުރެވެނީ ހަގު އުމުރު ފުރާތަކާއި ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމުގައެވެ. އޭނާ ވަނީ ކުލްބް އީގަލްސްގެ 21 އަހަރު ދަށުގެ ޓީމަށް ޖެހިޖެހިގެން ތިން ފަހަރު ޔޫތް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްދީފައެވެ. ަ