News

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ހޮވައިފި

2 ޖުލައި 2020






ރައްޔިތުންގެ މަޖިލީހާއި ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމްގެ އިންތިހާބު ނުބާއްވަން އެދިފައިވަނިކޮށް މިއަދު ހަވީރު އިންތިހާބު ބާއްވާ ރައީސް ކަމަށް އަނެއްކާވެސް ބައްސާމް އަދީލް ޖަލީލް އަިންތިހާބު ކޮށްފިއެވެ.

އެފްއޭއެމް އަށް ފިޔަވަޅު އަޅާދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަކާއި ގުޅިގެން މަޖިލީހުން އެ މައްސަލަ ދިރާސާ ކުރާ އިޖްތިމާއީ ކޮމިޓީން ވަނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އަންގާފައެވެ.

މި ކުއްލި މައްސަލައާއި ގުޅިގެން ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީ އިއްޔެ އެފްއޭއެމަށް ސިޓީއެއް ފޮނުވާފައެވެ.

މިއަދު އެފްއޭއެމްގެ އިންތިހާބު ބާއްވާ ރައީސް ކަމަށް ބައްސާމް އަދި އޭނާ ހުށަހެޅުއްވި ގޮތަށް އެގްޒެކެޓިވް ކޮމެޓީއަށް ވަނީ މެންބަރުން ހޮވާފައެވެ.

އެފްއޭއެމްގެ އިންތިހާބު އޮތީ މިއަދު އެފްއޭއެމް ހައުސްގެ ޓެރަހުގައި، އަދި ވީޑިއޯ ކޮންފަރެންސްކޮށް ފީފާ އާއި އޭއެފްސީގެ މޮނިޓަރުން ބައިވެރިކޮށްގެން، އެފްއޭއެމްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވް ކޮށްގެންނެވެ.

އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްކަމަށް ހޮވީ މިހާރުގެ ޑެފިއުޓީ ޖެނެރަލް ދެކްރެޓަރީ އަލީ އުމަރެވެ. ނައިބު ރައީސް ކަމަށް އެގްޒެކެޓިވް ކޮމިޓިގެ މެންބަރުކަން އެންމެ ފަހުން ކޮށްފައިވާ  އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝިފާއު (ކޮއްކީ)  ހޮވާފައިވާއިރު، އެގްޒެކެޓިވް ކޮމިޓީގެ އާންމު މެންބަރުންގެ މަގާމަށް ހޮވީ ސީނިއާ ނާއިބް ރައީސްކަން އެންމެ ފަހުން ކޮށްފައިވާ ޑޮކްޓަރ އަހުމަދު ޝަކީބް އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަ އަހުމަދު ނާޝިދު (ޑޭވް) އެވެ. އަދި އީގަލްސްގެ ޖެނެރަލް ސެކެއްޓްރީ މުފާވިޒް ހާޝިމް އާއި ގްރީންސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ އިސް މުވައްޒަފެއް ކަމުގައިވާ އައިމިނަތު ޝާނީޒް އެވެ

މި ގޮތަށް އެގްޒެކެޓިވް ކޮމިޓީ އެކުލަވާލީ އިތުރު ނަމެއް ހުށަހަޅާފައި ނުވާތީ ވޯޓު ނުނަގައެވެ.  އިތުރު ކެންޑިޑޭޓެއް ކުރިމަތި ނުލާނަމަ އެއްވެސް ކްލަބަކުން އިއުތިރާޒު ނުކުރާނަމަ ވޯޓު ނުނަގާ ކުރިމަތިލާފައިވާ ކެންޑިޑޭޓް ހޮވޭ ގޮތަށް  މިއަދުގެ ކޮންގްރެސްގައި ވަނީ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައެވެ. މި ބަދަލު ގެނައި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

 



Leave a Comment:

Comments will be published after moderation.