News

މެންބަރު އާޒިމަށް އީގަލްސްގެ ނުރުހުން: ނުފޫޒުން ކަންކަން ކުރުމަކީ ދަށުދަރައިގެ އަމަލެއް

2 ޖުލައި 2020






އެފްއޭއެމް އާއި ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވި ކުއްލި މައްސަލަ، ކްލަބް އީގަލްސް އިން ކުއްވެރިކޮށްފި އެވެ. 

މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކާއި ގުޅިގެން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށްބުނެ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ފީފާއިން އިންޒާރުދީފައިވަނިކޮށް އީގަލްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މެންބަރު އާޒިމްގެ އެ އަމަލުފުޅު ކްލަބް އީގަލްސް އިން ސިފަ ކުރަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވެ ހުރެ އެސޯސިއޭޝަން އަސާސީ ޤަވާއިދު އަދި ކުޅިވަރު ގާނޫނުން ސާފުކުރަންޖެހޭ ކަންކަން  ރަނގަޅަށް ސާފުކުރުމެއް ނެތި ސީދާ އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ކަމަށެވެ.

އަދި މި ކަމަކީ އަމިއްލަ މަސްލަހަތާއި ސިޔާސީ ނުފޫޒުން ކަންކަން ކުރުމަކީ ވަރަށް ދަށުދަރައިގެ އަމަލެއް ކަމަށެވެ.އަދި މިކަމަކީ އެފްއޭއެމްއިން ތަރައްގީގެ އެކިއެކި މަސައްކަތްތަށް ފަށާ ސަރުކާރާއި މިނިސްޓްރީއާއި ގުޅިގެން ކުރާ މަސައްކަތް ފަނޑުކޮށްލުމުގެ ގޮތުން ސިޔާސީ ގޮތުންނާއި އަމިއްލަ ގޮތުންނާއި އަމިއްލަ މަސްލަހަތަށް ކުރާ ކަމެއް ކަމަށް ކްލަބް އީގަލްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ އަމަލު ހުއްޓާލުމަށް ހުރިހާ ހުރިހާ ފުޓްބޯޅަ ކްލަބުތަކާއި ކުޅުންތެރިންގެ ހައްއްގުގައި އިލްތިމާސް ކުރާ ކަމަށް އީގަލްސް އިން ބުނެއެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކުޅިވަރުގައި ހަރަކާތްތެރިވާ ކްލަބު ޖަމްއިއްޔާތަކާއި އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ގާނޫނުގެ ދަށުންހެދިފައިވާ ގަވާއިދުތަކާއި އުސޫލޫތަކާއި އަދި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެފްއޭއެމް އިން ފުރިހަމަ ގޮތުގައި އަދާކުރަމުން ނުދާ ކަމަށް ބުނެ މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތަށް ސަމާލުކަން ދިނުމަށް އެދިފައިވާ މައްސަލައެކެވެ. 

ފީފާއިން އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފީފާގެ މެންބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ މައްސަލަތައް ކުރިޔަށްގެންދަންވާނީ މިނިވަންކަމާއިއެކު ކަމަށެވެ. އަދި ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނުފޯރާ ގޮތަށް ކަމަށެވެ. އަދި އެފްއޭއެމްގެ ކަންކަމަށް ސަރުކާރުން ބާރުފޯރުވާނަމަ ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށެވެ.

މެންބަރު އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުޅިވަރާއި ބެހޭ ވުޒާރާއިން ކުޅިވަރުގެ ގާނޫނާއި އެއްގޮތަށް އެފްއޭއެމް އަށް ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާއި ދޭތެރޭ ގާނޫނާއި އެއްގޮތަށް މަޖިލީސް މެދުވެރިކޮށް ފިޔަވަޅު އަޅައިދިނުމަށެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

 



Leave a Comment:

Comments will be published after moderation.