News
ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ: ފީފާ
1 ޖުލައި 2020
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އަށް ފިޔަވަޅު އަޅަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކާއި ގުޅިގެން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށްބުނެ ފީފާ އިން އިންޒާރު ދީފިއެވެ
ރާއްޖެ އާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ދީފައިމިވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެރިކަން ކުރާ މައި ފާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ.
ފީފާއިން ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ ކަމަށް ބުނެ އިންޒާރު ދިނީ ބުދަ ދުވަހު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައެވެ.
ފީފާއިން އެފްއޭއެމް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފީފާގެ މެންބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ މައްސަލަތައް ކުރިޔަށްގެންދަންވާނީ މިނިވަންކަމާއިއެކު ކަމަށެވެ. އަދި ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނުފޯރާ ގޮތަށް ކަމަށެވެ.
އަދި އެފްއޭއެމްގެ ކަންކަމަށް ސަރުކާރުން ބާރުފޯރުވާނަމަ ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށެވެ.
ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވި މެންބަރު އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުޅިވަރާއި ބެހޭ ވުޒާރާއިން ކުޅިވަރުގެ ގާނޫނާއި އެއްގޮތަށް އެފްއޭއެމް އަށް ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާއި ދޭތެރޭ ގާނޫނާއި އެއްގޮތަށް މަޖިލީސް މެދުވެރިކޮށް ފިޔަވަޅު އަޅައިދިނުމަށެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.
މެންބަރު އާޒިމް އެފްއޭއެމް އަށް ފިޔަވަޅު އަޅާދނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ކުޅިވަރުގައި ހަރަކާތްތެރިވާ ކްލަބު ޖަމްއިއްޔާތަކާއި އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ގާނޫނުގެ ދަށުންހެދިފައިވާ ގަވާއިދުތަކާއި އުސޫލޫތަކާއި އަދި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެފްއޭއެމް އިން ފުރިހަމަ ގޮތުގައި އަދާކުރަމުން ނުދާތީ މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތަށް ސަމާލުކަން ދިނުމަށް އެދި ހުޅަހަޅާ މައްސަލައެއްގެ ގޮތުގައިކަގޮތުގައި އާޒިމް ވިދާޅުވިއެވެ.