News

އެފްއޭކަޕް: ނިއުކާސަލް ބަލިކޮށް މެންޗެސްޓަރ ސިޓީ ސެމީއަށް

29 ޖޫން 2020






ނިއުކާސަލް ޔުނައިޑެޓް ބަލިކޮށް މެންޗެސްޓަރ ސިޓީން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް މިރޭ ނިކުތް މެޗު ސިޓީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. ސިޓީއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކެވިން ޑިބްރޭނާއެވެ.

ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 68 ވަނަ މިނިޓްގައި ފޯޑެންގެ އެހީތެރިކަމާއެކު ރަހީމް ސްޓާލިން އެވެ. މެޗުގެ 86 ވަނަ މިނިޓްގައިވެސް ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ސިޓީއަށް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތު ބޭކާރުވީ ބާނަޑޯ ސިލްވާއަށް ލިބުނު ކޯނާރެއް ގޯލަށް އަމާޒު ނުވުމުންނެވެ.

 

ސިޓީއަށް ލަނޑު ޖަހަން ލިބުނު ތިން ފުރުސަތު ރިޔާޒު މަހްރޭޒް އަތުންވެސް ބޭކާރު ވިއެވެ. އަދި ސްޓާލިން ދެފަހަރެއްގެ މަތިން ގޯލު ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވީ ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯ އެ ދެފަހަރުވެސް ބޯޅަ ދިފާއުކުރުމުންނެވެ. 


މި މެޗުން މެންޗެސްޓާރ ސިޓީ މޮޅުވުމުން ސެމީ ފައިނަލްގައި އެޓީމުން ކުޅެން ޖެހޭނީ އާސެނަލް އާއި ދެކޮޅަށެވެ.


ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ 18 އަދި 19 ޖުލައިގައި ވެމްބްލީ ސްޓޭޑިއަމްގައެވެ. ސެމީފައިނަލްގެ އަނެއް މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޑެޓް އާއި ޗެލްސީ އެވެ.
2005 ވަނަ އަހަރުގެ ފަހުން ނިއުކާސަލްއަށް އެފްއޭ ކަޕްގެ ސެމީ ފައިނަލާ ހަމައަށް އާދެވިފައެއް ނުވެއެވެ.


މިރޭގެ މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކޯޗް، ޕެޕް ގާޑިއޯލާ ބުނީ "ސެމީ ފައިނަލަށް އާދެވިއްޖެ، މިހާ ވަރުގަދައަށް ޑިފެންޑް ކުރާ ޓީމަކާއި އެޓޭކް ކުރުމަކީ ފަސޭހަ ކަމެއް ނޫން، އެހެންނަމަވެސް ރަނގަޅު ޕާފޯމެންސެއް މިއީ، އަހަރެން ވަރަށް އުފާކުރަން އަނެއްކާވެސް ލަންޑަންގެ ވެމްބްލީއަށް ދާން"


މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑިބްރޭނާ ބުނީ ސީޓީން ކުޅުނީ ނިއުކާސަލްގެ ކުޅުންތެރިން ޕްރެޝަރަށް ވައްޓާލައިގެން ކަމަށާއި، މިރޭގެ މެޗުގައި އިތުރު ލަނޑުތަކެއްވެސް ޖެހުނީސް ކަމަށެވެ. އަދި ސަޕޯޓަރުން ނެތް ހުސް ސްޓޭޑިއަމެއްގައި ކުޅެން ޖެހުމަކީ އޭނާ ގަޔާވާ ކަމެއް ނޫން ކަމަށެވެ. އެހެނަމަވެސް އެމީހުންނަކީ ޕްރޮފެޝަނަލުން ކަމަށްވާތީ މިގޮތަށް ކުރިޔަށް ދާން ޖެހޭނެ ކަމަށެވެ.

މިއަހަރު އެފްއޭކަޕްގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދާ ބަންދުކޮށްގެންނެވެ. މި ހަތަރު މެޗުވެސް ކާމިޔާބު ކުރީ އަވޭ ޓީމުންނެވެ. މިއީ 1987 ގެ ފަހުން އަވޭ ޓީމުން ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

 



Leave a Comment:

Comments will be published after moderation.