News
އޭއެފްސީގެ ޕްރޯ ލައިސަންސް މޯހަން އަށް
26 ޖޫން 2020
ކްލަބު އީގަލްސްގެ ހެޑް ކޯޗު މުހައްމަދު ޝިޔާޒް ( މޯހަން)އޭއެފްސީ ޕްރޮފެޝަނަލް ކޯޗިން ޑިޕްލޮމާ (ޕްރޯ ލައިސަންސް) ހާސިލްކޮށްފިއެވެ.
ޖަޕާނުގައި ހިންގި ކޯސް ފުރިހަމަ ކޮށް މޯހަން ލައިސަންސް ހޯދި އިރު މިއީ މިދިޔަ އަހަރު އެފްއޭއެމް އިން މޯހަން އަށް ހޯދައިދިން ފުރުސަތެކެވެ. މޯހަން އަކީ މި ލައިސަންސް ހާސިލް ކުރި ދެވަނަ ދިވެހި ކޯޗެވެ.
މީގެ ކުރިން ޕްރޯ ލައިސަންސް ހާސިލް ކޮށްފައިވަނީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭއެފްސީ ޕްރޯ ޑިޕްލޮމާއާކީ، އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝަންއިން އެކްރެޑިޓް ކުރާ އެންމެ މަތީ ފެންވަރުގެ ކޯޗިން ލައިސަންސެކެވެ.
އޭއެފްސީން އެންމެ ފުރަތަމަ މި ޑިޕްލޮމާ ދޫކުރީ 2001 ވަނަ އަހަރެވެ. މިއީ ޔުއެފާ ޕްރޯ ލައިސަންސް އާއި އެއްް ފެންވަރުގެ ލައިސަންސެއް ކަމަށް އޭއެފްސީން ގަބޫލު ކުރާ ލައިސަންސެކެވެ.
މޯހަން އަކީ އެއްވެސް މެޗަކުން ބަލިނުވެ ދިވެ ލީގުގެ ޗެމްޕިއަންކަން 2012 ވަނަ އަހަރު ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދިން ކޯޗެވެ. މިއީ މިފަދަ ގޮތަކަށް ކްލަބަކަށް ލީގް ކާމިޔާބުކޮށްދިން ހަމައެކަނި ދިވެހި ކޯޗެވެ.
މޯހަން އަކީ ކޯޗިން ކޯސްތަކުގައި ރާއްޖޭން ބޭރުގައިވެސް ކިޔަވައިދީފައިވާ ތަޖްރިބާކާރު ކޯޗެކެވެ.
ކްލަބް އީގަލްސް މިދިޔަސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގެ ރަނަރަޕް އާއި ހަމައަށް ގެންގޮސްދިނީވެސް މޯހަންއެވެ.