News

30 އަހަރަށް ފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް

26 ޖޫން 2020






އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އެކު ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ ބަލިވުމުން ލީގު ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވެއްޖެއެވެ.

ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބުނީ ދެވަނަގައި އޮތް ސިޓީީއަށް ބާކީ އޮތް ހަތް މެޗުންވެސް ލިވަޕޫލާއި އަރާ ހަމަކުރެވެން ނެތުމުންނެވެ.

ރޭގެ މެޗުން ސިޓީ ބަލިވިއިރު ލިވަޕޫލުންވަނީ 31 މެޗުން 86 ޕޮއިންޓް ހޯދާފައެވެ. ސިޓީއަށް 31 މެޗު ކުޅެގެން ހޯދިފައިވަނީ 63 ޕޮއިންޓެވެ. ބާކީ އޮތް ހަތް މެޗު ސިޓީއަށް ކާމިޔާބުކުރެވުނަސް ލިބޭނީ 84 ޕޮއިންޓެވެ.

މިއީ 1992 ގައި އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ލީގު ރީބްރޭންޑް ކުރުމުގެ ކުރިން 18 ފަހަރު ލިވަޕޫލުން ޗެމްޕިއަންކަން ހޯދިއެވެ. އެންމެ ފަހުން ލިވަޕޫލުން އިނގިރޭސި ޗެމްޕިއަންކަން ހޯދީ 1989/1990 ގައެވެ.

ރޭގެ މެޗުން ޗެލްސީން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމާއި ގާތަށް ޖެހިލާފައެވެ. ރޭގެ މެޗުން ޗެލްސީ މޮޅުވީ ދެ ޓީމުގެ ނަތީޖާ އެއްވަރުވެފައިވަނިކޮށް ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި އަތްލުމުން އޭނާއަށް ރަތް ކާޑު ދައްކާ ދިން ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މެޗުގެ 78 ވަނަ މިނިޓްގައި މި ޕެނަލްޓީން ޗެލްސީ މޮޅުކޮށްދިނީ ވިލިއަންއެވެ.

ރޭގެ މެޗުގެ ނަތީޖާގެ ސަބަބުން ލިވަޕޫލުން ވަނީ ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ މީގެ ކުރިން ހަތް މެޗު ބާކީ އޮތްވާ އެއްވެސް ޓީީމަކަށް ލީގު ކަށަވަރު ކުރެވިފައެއް ނެތެވެ. މީގެ ކުރިން ލީގު ކާމިޔާބު ކުރެވުނީ 5 މެޗު ބާކީ އޮއްވާ 2000/2001 ގައި މެންޗެސްޓަރ ޔުނައިޑެޓަށެވެ. އަދި 2017/2018 ގައި ލީގު ކަށަވަރު ކުރި ސިޓީ އަށެވެ. ސިޓީ އާއި ޔުނައިޑެޓްގެ އަތުގައި އޮތް މި ރިކޯޑް ލިވަޕޫލުން މުގުރާލިއިރު ލިވަޕޫލުން މި ސީޒަނުގައި އިތުރު ރިކޯޑްތައްވެސް ގާއިމުކުރާނެ ކަމަށް ބެލެވެއެވެ.

ރޭގެ މެޗު ނިމުމާއި އެކު ލިވަޕޫލުގެ ސަޕޯޓަރުން ވަނީ މަގުތަކަސް ނިކުމެ އުފާފާޅުކޮށްފައެވެ.

 



Leave a Comment:

Comments will be published after moderation.