News
ވާދޫ ފުޓްސަލް ދަނޑު ނިމިއްޖެ
24 ޖޫން 2020
ގދ. ވާދޫ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ނިންމައިފި އެވެ.
ވާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުނު ހާމަ ކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ވަނީ ވާދޫ ކައުންސިލާއި ވާދޫ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ވާދޫ ޒުވާނުން އެދުނު ގޮތަށް އެރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އަދި އެރަށުގެ އިތުރު މަޝްރޫއުތައް ހިންގުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.
އެގޮތުން އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް (ހަޓް) އާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާދޫގައި ސްޓްރީޓް ސޮކާ އަދި ބާސްކެޓް ކޯޓެއް އެޅުމަށާއި ސްކޭޓް ޕާކެއް އެޅުމަށް މިނިސްޓްރީން އެހީވެދެއްވާނެ ކަމަށް އެ ސޯސިއޭޝަނަށްގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަހްލޫފްގެ ޓްވީޓާއި ގުޅިގެން ވާދޫ ރައްޔިތުންވެސް ވަނީ މަހުލޫފަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ހަޓް އިން ކުރި ޓްވީޓެއްގައި އެ ޖަމްއިއްޔާގެ ހުށަހެޅުމަށް މިނިސްޓަރ އިޖާބަދެއްވުމުން ޝުކުރު އަދާ ކުރާ ކަމަށް ބުނެފައިވެއެވެ.
އެޖަމްއިއްޔާއިން ބުނީ، އެ ޖަމްއިއްޔާގެ ފަރާތުން ހުށަހެޅި ސްކޭޓް ޕާކާއި މަލްޓިޕާޕަސް ޕިޗް ތަރައްގީ ކުރުމަށް އެހީތެރިވެދެއްވުމަށް މިނިސްޓަރ ނިންމި ނިންމުމަކީ ޒުވާނުން ކުރިއެރުވުމަށް މިނިސްޓަރ މަހްލޫފް އަހަންމިއްޔަތުކަން ދެއްވާކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.