News
24 އަހަރަށްފަހު ދުވާ ޓްރެކް އާ ކުރުމުގެ މަސައްކަތް ފަށައިފި
23 ޖޫން 2020
މާލޭގެ ދުވާ ޓްރެކް އެކުވެނީ އާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެކުވެނީގައިވާ މައްސަލަތައް ހައްލުކޮށް އާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.
ދުވާ ޓްރެކްގެ މަސައްކަތް ކުރިޔަށް ގެންދާ ފޮޓޯތަކަކާއި އެކު މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "1996 ވަނަ އަހަރު ހެދި އެކުވެނި ދުވާ ޓްރެކް 24 އަހަރަށްފަހު އާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފެށިފަ" ވާ ކަމަށެވެ.
ޓްރެކް އާ ކުރުމުގެ މަސައްކަތަކީ އާރް.ކޭ.އެލް އިން ސީ.އެސް.އާރް ގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެއްކަން ފާހަގަ ކުރައްވާ މަހްލޫފް ވަނީ އެފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.
މަހްލޫފް ވިދާޅުވީ މިކަމުގެ ސަބަބުން ޓްރެކް ބޭނުން ކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ސުކޫލު ކުދިންނާއި އާންމުންވެސް އަދި ޕްރޮފެޝަނަލް އެތްލީޓުންވެސް ބޭނުން ކުރަމުން އަންނަ އެކުވެނި ޓްރެކަކީ ވެލިގަނޑު އެއްވަރު ނުވުމުގެ މައްސަލައާއި ވާރޭ ވެހުމުން ފެންބޮޑުވުން ފަދަ މައްސަލަތައް ކުރިމަތިވާ ތަނެކެވެ. މިތަން އާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމުމުން މިފަދަ މައްސަލަތައް ހައްލުވާނެ ކަމަށް ބެލެވެއެވެ.