News
ސްޕެއިންގެ ކްލަބުގައި މަޑުކުރުމަށް ޒާން އަދި ގޮތެއް ނުނިންމާ
13 ޖޫން 2020
ދިވެހި ޒުވާން އެޓޭކިން މިޑްފީލްޑަރ އިސްމާއިލް ޒާން އާމިރު ސްޕެނިޝް ކްލަބު ޔޫޑީ ކެނަލްގެ ކޮންޓްރެކްޓް 2 ވަނަ އަހަރަކަށް އިތުރު ކުރުމަށް ފުރުސަތު އެބަ އޮތް ކަމަށާއި އެހެންނަމަވެސް
އަދި ގޮތެއް ނުނިންމަން ކަމަށް ޒާން ބުނެފިއެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފޭންސްގެ ނަމުގައި ހިންގާ ފޭސްބުކު ޕޭޖުގައި ޒާންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ތައްޔާރުވަމުން އަންނަަކަމަށް ލިޔެފައިވާ ޕޯސްޓަކާއި ގުޅިގެން ބޯޅަ އެމްވީ އާ ވާހަކަ ދައްކަމުން ޒާން ބުނީ "ދެވަނަ އަހަރަކަށް ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު އެބައޮތް، އަދި ގޮތެއް ނުނިންމަން" ކަމަށެވެ.
ޒާން އެންމެ ފަހުން ރާއްޖޭގައި ކުޅުނީ 23 އަހަރުން ދަށުގެ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށެވެ.
މިއަހަރުގެ ނޮވެމްބަރުގައި 20 އަހަރު ފުރޭ ޒާން އަކީ ސްޕެއިންގެ ކުލަބަކަށް ކުޅޭ ހަގު އުމުރުފުރައިގެ ދެވަނަ ދިވެހި ކުޅުންތެރިޔާއެވެ. ޒާން ސްޕޭންއަށް ބަދަލުވުމުގެ ކުރިން ކުޅެފައިވަނީ އެޑިިއުކިކް މެންޗެސްޓާ އެކަޑަމީގައެވެ.
އޭނާ ގިނައިން ކުޅެނީ އެޓޭކިން މިޑްފީލްޑަރެއްގެ ޕޮޒިޝަނަށެވެ. ޒާން ވަނީ 2016 ގައި ވެލެންސިޔާގެ ބައެއް މެޗުތަކުންވެސް ފެނިފައެވެ.
ޒާން އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމުގައިވާ ކުރީގެ ގައުމީ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަހްމަދު ސަލީމް (ބޮޑު ހީނާ) ގެ ދެބެންގެ ދެދަރި ކުއްޖެކެވެ.
ޒާން އިނގިރޭސިވިލާތުގެ މެންޗެސްޓާއަށް ދިރިއުޅުން ބަދަލުކުރީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ޒާން އަކީ އިސްކަންދަރު ސުކޫލުގެ ކުރީގެ ކެޕްޓަނެވެ. އަދި 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ދިވެހި ޓީމުގައިވެސް ހިމެނުނު ހުނަރުވެރި ކުޅުންތެރިއެކެވެ. މެންޗެސްޓާއަށް ދިރިިއުޅުން ބަދަލުކުރުމުގެ ކުރިން ޒާން ވަނީ އޮފް ސީޒަންގައި 'އާލީ ޓަޗް ފުޓްބޯލް އެކަޑަމީ' ގައި ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށް ކޯޗެއްގެ ދައުރުވެސް އަދާކޮށްފައެވެ.
ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) ގައިވެސް ޒާން މަސައްކަތް ކުރިއެވެ. ޓީއެންޖީއެސް އަކީ 25 އަށްވުރެ ގިނަ ގައުމުގެ ހަގުއުމުރުފުރާގެ ފުޓްބޯޅަ ކުޅުންތެރިންނަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދޭ، ސްޕެއިންގައި ހުންނަ ސްޕޯޓްސް ކޮންސަލްޓެންސީ އެޖެންސީއެކެވެ.