News

އޭއެފްސީ މޮޅު 5 ގޯލުގެ ތެރޭގައި ދަގަނޑޭގެ ހިތްގައިމު ގޯލެއް

12 ޖޫން 2020






އޭއެފްސީ ކަޕްގެ އެންމެ މޮޅު ފަސް ސޯލޯ ގޯލުގެ ތެރޭގައި  ދިވެހި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ މޮޅު ގޯލެއްވެސް ހިމަނައިފިއެވެ.

 

މި ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް ދަގަނޑޭ ޖަހާދިން ގޯލެކެވެ.

 

މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ފަހިކޮށްދިން ބޯޅައަކުން އޮފްސައިޑް ނުވާގޮތައް ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭވަދެ އޭނާގެ އާދަޔާ ހިލާފު މޮޅު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ.

 

އެ ލަނޑު ޖެހި އިރު ދަގަނޑޭއަށް ދަތިކުރުމަށް ޕާސިބޯގެ ތިން ކުޅުންތެރިން ފަހަތުން އައެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނަށްވުރެ ހަލުވި ސްޕީޑްގައި ގޮސް ދަގަނޑޭ އެގޯލު ކާމިޔާބު ކުރިއެވެ. އެ މެޗުގައި ނިއުއަށް 6 ލަނޑު ކާމިޔާބުކޮށްދީ އަޝްފާގް ވަނީ ހެޓްރިކް ހަދާފައެވެ.  

 

އޭއެފްސީން ވޯޓަށް ހުޅުވާލާފައިވާ ލިސްޓުގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ މުހައްމަދު ހައިދަރު ޖެހި ގޯލެކެވެ. ގަދަ ފަހެއްގައި ދެން ހިމަނާފައިވަނީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަޓް ސިންހް ޖެހި ގޯލެކެވެ.

ގަދަ ފަހެއްގައި ހިމަނާފައިވާ އަނެއް ގޯލަކީ 2015 ގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލެކެވެ. އަދި 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެކެވެ.



Leave a Comment:

Comments will be published after moderation.