News
"އަލުން ކުޅެން ނިކުތުމަށް ކުޅުންތެރިން ތިބީ ބިރުން" އަގުއެރޯ
1 މެއި 2020
އަލުން ޕްރިމިއާ ލީގު ފެށުމަށް މަސައްކަތް ކުރަމުންދާއިރު ކޮރޯނާވައިރަސްގެ މި ހާލަތަކުގައި ދަނޑަން ނިކުރުމަށް ކުޅުންތެރިން ތިބީ ބިރުން ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފިިއެވެ.
ޕްރިމިއާ ލީގު އަލުން ފެށުމަށް ހަދާފަވާ ޕްލޭން "ޕްރޮޖެކްޓް ރިސްޓާޓް" އާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާއިރު އަގުއެރޯ ބުނީ ގިނަ ކުޅުންތެރިން އަލުން ކުޅެން ނިކުތުމަށް ތިބީ ބިރުން ކަމަށެވެ. މާޗް 13 ގައި ޕްރިމިއާ ލީގު މެދުކަނޑާލުމާއި ގުޅިގެން ކުޅުންތެރިންވަނީ އެމީހުންގެ އާއިލާތަކާއި އެކު ވަގުތު ހޭދަކުރަން ފަށާފައެވެ.
އަގުއެރޯ ބުނީ ކުޅުންތެރިން ކުޅެން ނިކުންނަށް ޖެހިލުންވަނީ އެމީހުންގެ ދަރިންނާ އާއިލާތައް ތިބުމުން ކަމަށެވެ. ކޮރޯނާވައިރަސްގެ ހާލަތު ރަނގަޅު ނުވަނީސް ކުޅެން ނިކުތުމަށް ކުޅުންތެރިން ތައްޔާރުނުވާނެ ކަމަށް އޭނާ ބުންޏެއެވެ.
އަގުއެރޯ ބުނީ އޭނާއަކީ އެކަނި އުޅޭ މީހެއް ނަމަވެސް ގިނަ ކުޅުންތެރިން މެޗުތަކަށް ނިކުމެ ވައިރަސްގެ އަލާމާތެއް ފެނިއްޖެ ނަމަ އެމީހުންގެ އާއިލާތަކަށް އެކަމުގެ އަސަރުކޮށްފާނެތީ ކުޅުންތެރިން ނުހަނު ކަންބޮޑުވާނެ ކަމަށެވެ.
އަގުއެރޯ ބުނީ ބައެއް މީހުންގެ ގައިން އަލާމާތްތައް ނުފެނުނު ކަމުގައިވިޔަސް އެމީހުންގެ ފުށުން އެހެންމީހުން އިންފެކްޓްވާ ކަމަށެވެ. އެހެންކަމުން އޭނާ ހުރީ ގޭގައި ކަމަށާއި، އޭނާގެ ގައިގައި އެބަލި ހުރެދާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މި ބަލިމަޑުކަމަށް ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ހުއްޓާލާފައިވާ ފުޓްބޯޅަ މުބާރާތްތައް އަލުން ފަށާއިރު މެޗުތަށް ކުޅޭނީ ކުޅުންތެރިން ނުވައްދާ ދަނޑުތައް ބަންދުކޮށްގެން ކަމަށް ލީގުތަކުން ބުނެއެވެ. އެހެންނަމަވެސް ޓީވީތަކުން މެޗުތައް ހިލޭ ވަގުތުން ދެއްކުމުގެ ހުއްދަދޭނެއެވެ.
މެންޗެސްޓާ ސިޓީ އޮތޯ ޓޭބަލްގެ ދެވަނައިގައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ މެންޗެސްޓާ ސިޓީއަށް މަދުވަނީ 25 ޕޮއިންޓެވެ. ލީގު މެދުކަނޑާލިއިރު ޓައިޓްލް ކަށަވަރު ކުރުމަށް އެޓީމަށް ބޭނުންވަނީ ދެ މޮޅެވެ.