News

ހަ ހަފްތާ ފަހުން 4 ވަނަ ފަހަރަށް ޑީބާލާ ކޮރޯނާވައިރަހަށް ޕޮސިޓިވް

30 އޭޕްރިލް 2020






ޔުވެންޓަސްގެެ ތަރި ޕައުލޯ ޑީބާލާ ހަ ހަފްތާފަހުން އަނެއްކާވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައިވާ ކަމަށް އިޓަލީގެ ރިޕޯޓްތައް ބުނެފިއެވެ.

 އާޖެންޓީނާގެ ސްޓްރައިކާ ޑީބާލާ އަކީ އިޓާލިއަން ލީގުގެ ކުޅުންތެރިިިިިިންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް -19 އަަަށް ޕޮޒިޓިވް ކުޅުންތެރިޔާއެވެ. އޭނާާއާއި އެކު ޔުވެންޓަސްގެ ޑެނިއަލް ރުގާނީ އާއި ބްލައިސް މަޓުއިިިޑީވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. އެހެންނަމަވެސް އެދެ ކުޅުންތެރިން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޑިބާލާ އަނެއްކާވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވިކަމުގެ ރިޕޯޓްތައް ފެންމަތިވީ ލޮކްޑައުން އާއި ގުޅިގެން ހޯމް ޓައުނަށް ދިޔަ ކުޅުންތެރިން އަނބުރާ އައިތާ ދުވަސްކޮޅެއް ފަހުންނެވެ. ޑީބާލާ އަންނަނީ ތަމްރީތަކުގައިވެސް ބައިވެރިވަމުން ކަމަށް ޑިބާލާއާއި ގުޅުންހުރި ފަރާތަކާ ހަވާލާދީ ސީއެންއެން އިން ބުނެއެވެ.

ޑީބާލާއާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ސީއެންއެންއަށް ބުނެފައިވަނީ ބަލީގެ އަލާމާތެއް ޑީބާލާގެ ގައިން ނުފެންނަ ކަމަށާއި، އޭނާގެ ހާލުވެސް ރަނގަޅުކަމަށެވެ.

ޑީބާލާ ވަނީ މުޅިއެކު ހަތަރު ފަހަރު ޓެސްޓް ކޮށްފައި ކަމަށާއި، ފުރަތަމަ ދެ ޓެސްޓްވެސް ޕޮޒިޓިވް ކަމަށް، އަދި މިހާރު އޭނާ ހުރީ ތިން ވަނަ އަދި ހަތަރު ވަނައަށް ނެގި ސްވޮބްގެ ނަތީޖާގެ އިންތިޒާރުގައި ކަމަށްވެސް ޑީބާލާއާއި ގާތްގުޅުމެއް އޮންނަ ފަރާތުން ބުނެފައިވެއެވެ.

ޔުވެންޓަސްގެ ތަރުޖަމާނު ވިދާޅުވީ ޑީބާލާ އަދިވެސް ކޮރޯނާވައިރަހަށް ޕޮސިޓިވް ކަމަށާއި، އޭނާ ނެގެޓިވް ވުމުން އެކަން މީޑިއާތަކަށް އަންގާނެ ކަމަށެވެ. ޑީބާލާ އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ހާމަކުރީ އޭނާގެ އިންސްޓަރގްރާމު އެކައުންޓުގައި މާޗް 21 ގައެވެ.

ޑީބާލާއާއި އޭނާގެ ލޯބިވެރިޔާވެސް އޭރު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ކޮވިޑް-19ގެ އަލާމާތްތައް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށާއި، ނޭވާލާން އުނދަގޫވުމާއި ގައިގައި ރިއްސުމާއި އަދި ހިންގަންވެސް އުނދަގޫވި ކަމަށް 27 މާޗްގައި ޑީބާލާ ޔުވެންޓަސް އާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. 

ލޮކްޑައުން އާއި ގުޅިގެން ހޯމްޓައުނަށް ދިޔަ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް އަނބުރާ ނާންނަ ދެ ކުޅުންތެރިންނަަަަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑަގްލަސް ކޮސްޓާއެވެ.

އިޓަލީއަކީ ޔޫރަޕުން ކޮރޯނާވައިރަސްގެ ހާލަތު އެންމެ ގޯސްވިި އެއް ގައުމެވެ. އެގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 202,000 މީހުން ތިބި އިރު މަރުވި މީހުންގެ އަދަދު ވަނީ 27,359 އަށް އަރާފައެވެ. 

 



Leave a Comment:

Comments will be published after moderation.