ކޮރޯނާވައިރަސްގެ ސަބަބުން ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކޮށް ލީގު 1 ގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދީފިއެވެ.
ފްރާންސްގައި އެއްވެސް ކުޅިވަރު މުބާރާތެއް ހޫނު މޫސުމުގެ ކުރިން ނުފެށޭނެ ކަމަށް މިހަފްތާގައި ފްރާންސްގެ ބޮޑުވަޒީރު ވަނީ އިއުލާނު ކުރައްވާފައެވެ. އަދި 2019-2020ގެ ސީޒަން ކެންސަލްވިކަން އިއުލާނުކުރައްވާފައެވެ. ފްރާންސްގެ ފުޓްބޯޅައިގެ މައި އިދާރާކަމުގައިވާ އެލްއެފްޕީ އިން އުންމީދުކޮށްގެންތިބީ ޖޫން 17 ގައި އަލުން ސީޒަން ފެށުމަށެވެ.
. އެހެންނަމަވެސް ސަރުކާރުގެ އެންގުމާއި އެއްގޮތަށް ލީގު 1 އަދި ލީގު 2 ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. ލީގު 2 ގެ ޗެމްޕިއަންކަން ދިނީ ލޮރިއެންޓަށެވެ.
ލީގު 1ގެ ޗެމްޕިއަންކަން ފީއެސްޖީއަށް ދިނީ ލީގު މެދުކަނޑާލިއރު އެޓީމު 12 ޕޮއިންޓްގެ ލީޑަކާއި އެކު1 ވަނައިގައި އޮތުމުންނެވެ. ޕީއެސްޖީއަށް ޖުމްލަ 68 ޕޮއިންޓް ލިބިފައިވާއިރު މިއީ ޖެހިޖެހިގެން ލީގުގެ ޗެމްޕިއަންކަން ހޯދި 3 ވަނަ ފަހަރެވެ.ލީގުގެ ދެވަނަ ދިނީ 56 .
ޕޮއިންޓާއިއެކު ދެވަނައިގައި އޮތް މާސޭއަށެވެ. ތިންވަނައިގައި އޮތީ ރެނެސްއެވެ. ފްރެންޗް ލީގު ކެންސަލްކުރި އިރު ރެލިގޭޓްވެފައިވަނީ ހަތްވަނައިގައި އޮތް ލިޔޯންއެވެ. މިއީ 1997 ވަނަ އަހަރަށްފަހު ލިޔޯންއަށް ލީގު 1 ކުން ކެޓި ފުރަތަމަ ފަހަރެވެ.
ފްރާންސުން ފުޓްބޯޅަ ސީޒަން މެދުކަނޑާލީ މާޗް 13 ގައެވެ. އެގައުމުގެ ސަރުކާރުން އަންގާފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެއްވެސް ކުޅިވަރެއް ނުފެށޭނެ ކަމަށާއި، ސަޕޯޓަރުން ނުވައްދާ ސްޓޭޑިއަމްތައް ބަންދުކޮށްގެން މެޗުތައް ކުޅުމުގެ ހުއްދަވެސް ނުދޭނެ ކަމަށެވެ.
ޔޫރަފިއަން މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް އެންގުމަށް އެލްއެފްޕީއަށް ޔުއެފާއިން ދީފައިވާ މުހުލަތަކީ މޭ 25 ގެ ނިޔަލަށެވެ.
އެހެންގައުމުތަކުންވެސް ސީޒަން އާއި މެދު ނިންމާ ގޮތެއް އެ ތާރީހުގެ ނިޔަލަށް ޔުއެފާއަށް އަންގަން ޖެހެއެވެ. ޗެމްޕިއަން ޓީމެއް ކަނޑަނާޅާ އަދި ރެލިގޭޝަނާއި ޕްރޮމޯޝަނެއްވެސް ކަނޑަނާޅާ ސީޒަން ނިންމާލި ގައުމަކީ ނެދަލޭންޑްސްއެވެ. އެގައުމުން އެކަން އިއުލާނު ކުރީ މިދިޔަ ހުކުރުދުވަހެވެ.