އިޓަލީން ސީޒަން ނިންމާލަން ސްޕޯޓްސް މިނިސްޓަރ ގޮވާލައްވައިފި
30 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން ޕްރާންސާއި ނެދަލޭންޑްސްއިން އަމަލުކުރި ގޮތަށް އިޓަލީގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރ ވިންސެންޒޯ ސްޕަޑަފޯރާ ގޮވާލައްވައިފިއެވެ.
އެހެންނަމަވެސް އިޓާލިއަން ފުޓްބޯޅް ފެޑެރޭޝަންގެ ވެރިޔާ ގްބްރިއަލް ގްރަވީނާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމައިފިނަމަ އެއީ އިޓަލީގެ ފުޓްބޯޅަ މަރާލުމަށް ދެވޭ ސިގްނަލެއް ކަމަށެވެ.
މިނިސްޓަރ ވިންސެންޒޯ ވިދާޅުވީ މިހާރު ފަށާފައިވާ ސީޒަން ކުރިޔަށް ގެންދެވޭނެ ކަމުގެ އޮތީ ހަނި ފުރުސަތެއް ކަމަށާއި، އޭނާ އަކީ ފުޓްބޯޅަ ކްލަބެއްގެ ރައީސެއް ނަމަ އޭނާ ވިސްނަވާނީ އޮގަސްޓްފަހުކޮޅު ފަށަން ޖެހޭ އަންނަ ސީޒަން ރައްކާތެރިކަމާއެކު ފެށުމަށް ކަމަށެވެ.
އިއްޔެ ފްރާންސުން ނިންމި ނިންމުމަކީ އިޓަލީންވެސް އަމަލުކުރުން ރަނގަޅު ނިންމުމެއް ކަމަށާއި، އޭރުން އެއީ މުޅި ޔޫރަޕުން ފޮލޯ ކުރާނެ ނިންމުމަކަށް ވުންވެސް އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފްރާންސްގެ ބޮޑުވަޒީރު އެޑުއާޑް ޕިލިޕް އިއްޔެ ނިންމަވާފައިވަނީ އެގައުމުގެ ޕްރޮފެޝަނަލް ފުޓްބޯޅަ އާއި ރަގްބީ އަދި އެހެނިހެން ކުޅީވަރިތައް ހޫނުމޫސުން ނިންމުމުގެ ކުރިން ނުފެށޭނެ ކަމަށެވެ. އަދި ސަޕޯޓަރުންނާ ނުލާ މެޗުތައް ކުޅުމުގެ ހުއްދަވެސް ނުދެއްވާނެ ކަމަށެވެ.
އެހެންނަމަވެސް އޮގަސްޓްގައި މެޗުތައް ކުޅެވިދާނެ ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އިއްޔެ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2019-2020 ގެ ސީޒަން ނިންމާލިކަން އިއުލާނުކޮށްފައެވެ.
އިޓަލީގެ ސްޕޯޓްސް މިނިސްޓަރ ވިދާޅުވީ ލީގް ސެރީއޭއިން ދެން ބާއްވާ ބައްދަލުވުމެއްގައި މެޖޯރިޓީީ ކްލަބުތަކުން ސީޒަން ކެންސަލްކޮށް ދެން އަންނަ ސީޒަނަށް ތައްޔާރުވުމަށް އެދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިޓަލީގެ ބޮޑަތި ކްލަބުތަކުން އަންނަނީ އަންނަ ހުކުރު ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އިޓާލިއަން ޗެމްޕިއަންޝިޕް މެދު ކަނޑާލީ މާޗް 9 ގައެވެ.
ސީޒަން ކެންސަލްކޮށްފިނަމަ އިޓާލިިއަން ފުޓްބޯލް ފެޑެރޭޝަނަން 870މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާނެ ކަމަށް ގްރަވީނާ ވަނީ ވިދާޅުވެފައެވެ.